ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދޭން ގޮވައިލާ މޯލްޑިވިސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހަށް ސިޓީއަކުން ދަންނަވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ފޮނުއްވާފައި މި ސިޓީގައި އެމްއެންޕީން ބުނެފައި ވަނީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަމަށް ދެކޭ ކަމަށެވެ.
މި ސިޓީއާއި ގުޅިގެން އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ސިޓީއަކީ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމުމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ފަހިކޮށްދީގެން، ބަންދުގައިވާ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފޮނުވި ސިޓީއެއް ކަމަށެވެ.
މިކަން ހުށަހަޅައި އެ ޕާޓީން މި މައްސަލައިގައި ރައީސަށް ފޮނުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މަނާކުރައްވާފައިވާ ގޮތަށް ބަލާ، މިމައްސަލައަކީ ޤާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭތީކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން، އެގޮތަށް އެދުނީ މިއީ ރައްޔިތުންގެ އަސާސީ ޙައްޤާއިވެސް ގުޅިފައިވާ ކަމަކަށްވާތީ، މި މަސައްކަތަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންނާއި، ޤާނޫނުގެ ވެރިކަން ކުރިއެރުވުމުގެ ޒިންމާ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަދާކުރަންވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްތެއް ކަމަށް ދެކިގެން ކަމަށް ވެސް އެ ޕާޓީން ބުނެފަވެއެވެ.
މިމައްސަލާގައި އެމްއެންޕީން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ބައެއް ނުކުތާތަކަށް ބަލާއިރު، ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިކަން ފާހަގަކޮށްފަވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ އެފަދަ އެންމެހާ ފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށް ބުނެފަވެއެވެ.
އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީޢަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާކަމަށާއި، ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ޤާނޫނީ ހަމައެއް ނޫން ކަމަށް އެންއެންޕީން ފާހަގަކޮށްފަވެއެވެ.
މި މައްސަލައާ ގުޅިގެން 7 މާރޗް 2023 ގައި ރައްޔިތުންގެ މަޖިލީހުގައި ދާޚިލީ ވަޒީރާ ސުވާލު ކުރެއްވުމުން ވެސް މީގެ އަޞްލު މައްސަލަ ޙައްލު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކައެއް ވިދާޅުވެފައި ނުވާކަމަށް އެ ޕާޓީން ބުނެފަވެއެވެ.
މި މައްސަލާގައި ފާހަގަކޮށްފައިވާ ފަދަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކަށް ފެނިގެން، އެފަރާތްތަކުން މިކަން ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އެމްއެންޕީން ބުނެފަވެެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކަކާއި ގުޅިފައިވާ މި މައްސަލައަށް އަދިވެސް ޙައްލެއް ގެނެވިފައެއް ނުވާކަން ވެސް ފާހަގަކޮށްފަވެއެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ނޫސް ކޮންފެރެންސެއްގައި ނާއުންމީދު ވާހަކަފުޅުތަކެއް ދައްކަވާފައިވާ ކަމަށާއި، އެކަމުން ދޭހަކޮށްދެނީ ބާރުހިނގާ ދައުލަތެއްގެ އިންތިޒާމް ދާން ނުޖެހޭހާ ދެރަވަރު ޙާލަތަކަށް ގޮސްފައިވާކަން ކަމަށް އެމްއެންޕީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!