ރާއްޖެއާ، ދެކުނު ކޮރެއާ ދެމެދު ސީދާ ވައިގެ ދަތުރުގެ ގުޅުން އަލުން ޤާއިމުކުރަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކޮށްފައިވަނީ ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ސީނިއަރ ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް ފޮރ ޕޮލިޓިކަލް އެފެއާޒް، ހިޒް އެކްސަލަންސީ ލީ ޖިން ބޮކް ނައިބު ރައީސް ފައިސަލް ނަޞީމްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމާއި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލްކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ގާއިމުކުރުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ދެ ގައުމުގެ މަސްލަޙަތާއި ގުޅޭ ދާއިރާތަކުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.

ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކޮރެއާ ސަރުކާރުން ރާއްޖެއަށް ދެއްވި ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއިން ދެކުނު ކޮރެއާއާއެކު ސިޔާސީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.