އިޓާލިއަން ލީގުގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީން ރޭ އެތުލާންޓާއާއި ދެކޮޅަށް ކުޅުނު މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ނަޕޯލީން ވަނީ 2-0 ގެ ނަތީޖާއިން އެތުލާންޓާ ބަލިކޮށްފައެވެ.
ލީގުގައި މިހާތަނަށް ނަޕޯލީން 26 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން 22 މެޗުން އެ ޓީމް ވަނީ މޮޅުވެފައެވެ. ދެ މެޗުން ބަލިވިއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ރޭ އެތުލާންޓާ އަތުން ލިބުނު ތިން ޕޮއިންޓާއިއެކު ނަޕޯލީއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 18 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 26 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް އިންޓަ މިލާނަށް 26 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ރޭގެ މެޗުގައި ވެސް ނަޕޯލީން ވަނީ އެ ޓީމުން މި ސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުން ތަކުރާރުކޮށްފައެވެ.
ފުރަތަމަ ހާފުގައި ނަޕޯލީގެ ފޯވާޑް މަޓެއޯ ޕޮލިޓާނޯގެ ދެ ހަމަލާއެއް އެތުލާންޓާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މީގެއިތުރުން ފުރަތަމަ ހާފުގައި ކްވަރަސްޚޭލިއާގެ ނުރައްކާތެރި ހަމަލާއެއް ވެސް އެތުލާންޓާގެ ކީޕަރު ހުއާން މޫސޯ ވަނީ މަތަކޮށްފައެވެ.
ނަޕޯލީގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކްވަރަސްޚޭލިއާއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ އޮޝީމެން ދިން ބޯޅައެއް ހިފައިގެން އެތުލާންޓާގެ އޭރިއާތެރެއށް ވަދެ ކުރިމަތީގައި ތިބި ތިން ޑިފެންޑަރުންގެ ގައިން ނައްޓާލުމަށް ފަހު ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގައި ނަޕޯލީން ކާމިޔާބުކުރި ދެވަނަ ލަނޑު 77 ވަނަ މިނެޓުގައި އެލްމާސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްފައި ވަނީ އާމިރް ރަހްމާނީއެވެ.
1990 ވަނަ އަހަރަށް ފަހު އިޓާލިއަން ލީގު ނަޕޯލީއަށް ކާމިޔާބު ކުރެވިފައި ނުވެއެވެ. މިއީ 30 އަހަރަށް ވުރެ ގިނަދުވަސްވީ އިންތިޒާރަށް ނިމުން އަންނާނެ ޝީޒަންކަމުގައި އެ ޓީމްގެ ސަޕޯޓަރުން އަންނަނީ ދެކެމުންނެވެ.
މި މެޗުން ބަލިވި އެތުލާންޓާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!