ބޯކޮށް ވާރޭވެހި ތިލަދުންމަތީގެ ރަށްރަށުގައި ފެން ބޮޑުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުރިނބީ، ހދ. ކުޅުދުއްފުށި އަދި ހދ.ނޮޅިވަރަންފަރުގެ ބައެއް ގެތަކަށް ފެންވަދެ، ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެއްމުންދާކަމަށެވެ.
Raajje ah kuramundhaa vissaaraagai HDh. Kurin'bi, HDh. Kulhudhuffushi adhi HDh. Nolhivaranfaru ge baeh gethakah fenvadhe, baeh maguthakugai fen boduvumaa gulhigen, MNDF Northern Area in eheetherikan foarukohdhinumuge therein. pic.twitter.com/W3OfG9FruE
— Maldives National Defence Force (@MNDF_Official) December 1, 2019
މިހާރު ކުރަމުންދާ ވިއްސާރައާއި އެކު ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގައިވެސް ވަނީ ފެންބޮޑުވެފައެވެ. އެގޮތުން އާދަޔާއި ހިލާފަށް ފެންބޮޑުވުމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުންވަނީ ހޮޓްލައިންއެއްވެސް ގާއިމްކޮށްފައެވެ. ފެންބޮޑުވުމާއި ގުޅިގެން އެހީތެރިކަމެއް ބޭނުން ވެއްޖެ ނަމަ ހޮޓްލައިން ނަންބަރު 9498547 އާއި ގުޅުއްވުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިފައެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކިމީހަކު ބުނީ ކުޅުދުއްފުށީގެ ގޭގެއަށް އަދި އަތޮޅު ކައުންސިލް އިދާރާގެ އެތެރެއަށް މިއަދު ފެންވަދެފައިވާ ކަމަށެވެ.
ކުޅުދުއްފުށީގެ އިތުރުން ކުރިނބީގައިވެސް ވަނީ ފެންބޮޑުވެ ގޭގެއަށް ފެންވަދެފައެވެ. ގޭގެއަށް އިތުރަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހާ މިވަގުތަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް ކުރިނބީ ކައުންސިލްގެ ނައިބް ރައީސް ހާމަކުރެއެވެ. މިކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް އެކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މެޓް އޮފީހުން މިއަދު ބުނީ މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
ހއ. ހޯރަފުށީގައިވެސް ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެފައިވާކަމަށް އެރަށުން މަޢުލޫމާތުލިބެއެވެ. މީގެ އިތުރުން ހއ އަދި ހދ ގެ ގިނަ ރަށްރަށަށް އަންނަނީ މި ވިއްސާރައިގައި އަސަރު ކުރަމުންނެވެ.
މީގެ އިތުރުން އުތުރުގެ ބައެއް އަތޮޅުތަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!