އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލުން ލީޑު ފުޅާކުރިއިރު، ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން ވުލްވްސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ރޭ އާސެނަލްގެ ދަނޑުގައި އެ ޓީމުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން އެވަޓަން ބަލިކޮށްފައެވެ.
މި މެޗުގައި ކޮންމެ ހާފެއްގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ޒިންޗެންކޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަކާއެވެ. އާސެނަލްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ސަކާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާޓިނެއްލީއެވެ.
އާސެނަލްގެ ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި ޓްރޮސާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އޮޑެގާޑް ކާމިޔާބު ކޮށްދިން އިރު، ހަތަރުވަނަ ލަނޑު 80 ވަނަ މިނެޓުގައި އެންކެޓިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާޓިނެއްލީއެވެ.
މި މޮޅާއިއެކު އާސެނަލަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އާސެނަލްއަށް 25 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ސިޓީއަށް 25 މެޗުން ލިބިފައި ވަނީ 55 ޕޮއިންޓެވެ.
ރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ވަނީ ވުލްވްސް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ލިވަޕޫލުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 73 ވަނަ މިނެޓުގައި ޑިއެގޯ ޖޮޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ވެންޑައިކް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 77 ވަނަ މިނެޓުގައި ސިމިކާސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަލާހްއެވެ.
ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލް މި ވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 24 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު ފަސްވަނާގައި އޮތް ނިއުކާސަލްއަށް 23 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. ލިވަޕޫލް އަތުން ބަލިވި ވުލްވްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!