ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދައިފިއެވެ.
މިރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ސިންގަޕޫރުން ކާމިޔާބު ކޮށްފައި ވަނީ 3-2 ސެޓުން ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިކޮށްގެންނެވެ.
ފުރަތަމަ ސެޓް ފަށައިގެން ރާއްޖޭގެ އަންހެން ޓީމްގެ ފަރާތުން ފެނިފައި ވަނީ މޮޅު ކުޅުމެކެވެ. މިގޮތުން ސެޓްގެ މެދަކާ ހިސާބަށް ރާއްޖެއިން މި ސެޓް ލީޑް ކުރިއެވެ. ނަމަވެސް ސިންގަޕޫރުން ވަނީ މަޑުމަޑުން މެޗުތެރެއަށް ވަދެ ކުޅުން ރަނގަޅުކޮށް ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލައި ސެޓް ކާމިޔާބު ކޮށްފައެވެ. މި ސެޓް ސިންގަޕޫރުން ކާމިޔާބު ކޮށްފައި ވަނީ 25/18 އިންނެވެ.
ދެވަނަ ސެޓް ވެސް ފަށައިގެން ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް މެޗުގެ މެޗުގެ ދިހަވަނަ ޕޮއިންޓާއި ހިސާބުން ސިންގަޕޫރުން ވަނީ ކުޅުން ރަނގަޅުކޮށް ލީޑު ނަގާފައެވެ. މި ސެޓްގައި ރާއްޖެއަށް ރަނގަޅު ޑިފެންސްތަކެއް ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ސިންގަޕޫރުން ވަނީ ލީޑުގައި އޮވެ ސެޓް ނިންމާފައެވެ. މި ސެޓް ސިންގަޕޫރުން ކާމިޔާބު ކޮށްފައި ވަނީ 25/22 އިންނެވެ.
ތިންވަނަ ސެޓް ފަށައިގެން ސިންގަޕޫރުން ލީޑު ނެގިނަމަވެސް، ރާއްޖޭގެ ޑިފެންސާއި އެޓޭކްގައި ދެއްކި މޮޅު ކުޅުމާއިއެކު ސެޓްގެ މެދަކާ ހިސާބުން ނަތީޖާ އަނބުރާލައި ރާއްޖެއިން ލީޑު ނެގިއެވެ. ލީޑަށް ފަހު ރާއްޖޭގެ ޓީމްގެ ފަރާތުން އާދަޔާ ޚިލާފް ޖޯޝެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން 25/19 އިން ސެޓް ކާމިޔާބުކޮށް ރާއްޖެއިން އުންމީދެއް ހޯދިއެވެ.
ހަތަރުވަނަ ސެޓް ފަށައިގެން ވެސް ފުރަތަމަ ލީޑު ނަގާފައި ވަނީ ސިންގަޕޫރުންނެވެ. ރާއްޖޭގެ ޓީމަށް މެޗުތެރެއަށް ވަދެވި ލީޑު ލިބޭވަރުވީ ފުރަތަމަ ދިހަ ޕޮއިންޓް ނިމުމަކާއި ގާތަށް ގޮސްފައި ވަނިކޮށެވެ. ލީޑު ލިބުމަށް ފަހު ރާއްޖޭގެ ޓީމުން މި ސެޓްގައި ވެސް ދައްކާފައި ވަނީ ތިންވަނަ ސެޓްގައި ވެސް ދެއްކި މޮޅު ކުޅުމެވެ. ނަތީޖާއެއްގެ ގޮތުން މި ސެޓް ވެސް ވަނީ 25/19 އިން ކާމިޔާބު ކޮށްފައެވެ.
ދެ ޓީމް ދެ ސެޓް ދެ ސެޓުން އެއްވަރުވެ ނަތީޖާ ނެރުމަށް ކުޅުނު ޓައިބްރޭކް ސެޓްގައި ފުރަތަމަ ކޮޅު ދެ ޓީމް ދާދި ހަމަހަމަކޮށް ދިޔަ ނަމަވެސް މި ސެޓްގައި ރާއްޖޭގެ ޓީމަށް ސިންގަޕޫރުގެ މައްޗަށް ލީޑު ހޯދިފައި ނުވެއެވެ. ނަތީޖާއެއްގެ ގޮތުން 15/11 އިން މެޗު ކާމިޔާބުކޮށް ސިންގަޕޫރުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ސިންގަޕޫރު މުބާރާތުގެ ފައިނަލަށް އައިސްފައި ވަނީ ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓެއް ވެސް ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން ސިންގަޕޫރު އަތުން ހޯދި ދެ ސެޓަކީ މި މުބާރާތުގައި އެ ޓީމް ހަމައެކަނި ބަލިވި ދެ ސެޓެވެ.
މިއީ ރާއްޖޭގެ އަންހެން ޓީމަށް ބައިނަލްއަގުވާމީ މުބާރާތަކުން ރިހި މެޑަލް ލިބުނު ދެވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!