ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިހެން މިގޮތަށް އެދިވަޑައިގަތީ ދެވަނަ ގްލޯބަލް ޔޫތު މޮބިލައިޒޭޝަން (ޖީ.ވައި.އެމް) އަދި ބިގް ސިކްސް މޫވްމަންޓް ހުޅުވުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ޒުވާނުން، އެއްވެސް މަޖުބޫރުކަމެއްނެތި ކަންކަމުގައި އިސްނަގައިގެން އުޅުމާއި، އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ޝާމިލުކޮށް އެ ފަރާތްތަކުގެ އުފާވެރިކަން ކަށަވަރުކުރުމަށް ކުރި މަސައްކަތްތަކުން އެ ޒުވާން ލީޑަރުންނަކީ ނަމޫނާ އަދި ބަދަލުގެނެސްދެވޭނެ ފަރުދުންތަކެއްކަން ސާބިކޮށްދީފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ހުރިހާ ފަންތިއެއްގައި ޒުވާނުންގެ ބައިވެރިވުން ހިމަނައި، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްކާއި ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަނާ ވަނީ، ޗީފް ގައިޑެއްގެ ހައިޞިއްޔަތުން، ގާލް ގައިޑުންނާއި ޒުވާނުންނަށް ރަނގަޅު މުސަތަޤްބަލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

ޖީ.ވައި.އެމް.ގެ މި ވަރޗުއަލް ރަސްމިއްޔާތަކީ، ޒުވާނުންގެ އިސްނެގުމާއެކު ކުރިއަށް ގެންދާ ގްލޯބަލް އެކްޝަންއަށް ދެ އަހަރު ފުރުމާއި އޭގެ ފައިނަލް އިމްޕެކްޓް ރިޕޯޓް 2020 ވަނަ އަހަރުގެ ޑިސެންބަރުމަހު އިފްތިތާޙްކުރުމަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނާ ހަމައަށް ވާޞިލްކޮށްދިނުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.

މި ވާޗުއަލް އިވެންޓުގައި، ޒުވާނުންގެ އިސްނެގުމާއެކު ހޯދާފައިވާ އެކިއެކި ޙައްލުތަކާ ގުޅޭގޮތުންނާއި ބިގް ސިކްސް އަދި ޕާޓްނާޝިޕް މޮޑެލްތަކާ ގުޅޭގޮތުންނާއި ގްލޯބަލް ޔޫތު ފައިނޭންސިން މޮޑެލްތަކުން ލިބުނު ތަޖުރިބާތަކާއި ގުޅޭގޮތުން މައުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރާނެ އެވެ.