މިއީ އަލްކަބޫސް ކިޔާ ޚާއްޞަ ޖިންނިއެއްގެ ވާހަކައެވެ. މިއީ ނިދީގައި ހަމަލާދޭ ނުވަތަ މީހުންނާ ނިދީގައި ހުށަހެޅި ގަންނަ ޖިންނިއެކެވެ.
މިއީ ވަރަށް ގިނަ މީހުންނަށް ކުރެވިފައިވާނެ ތަޖުރިބާއެވެ. މިގޮތަށްވުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި "ހަންޑިހުއްޓުވުން" ކިޔައެވެ. އެހެން ނަމަވެސް ޑޮކްޓަރީ ގޮތުން ނިދީގައި މި ދިމާވާ މައްސަލައަށް ކިޔަނީ "ސްލީޕް ޕެރަލައިލިސް" އެވެ.
މިކަމުގެ އަލާމާތްތަކަކީ
1. މެއަށް ފިތި ބާރުވުމާއި ނޭވާހާސްވުން.
2. މޭމައްޗަށް ބަރު އެއްޗެއް އަރުވާފައިވާކަމުގެ އިހުސާސްވުމާއި ނޭވާލާން އުނގަދޫވުން.
3. ދެބަދޭތެރޭގައި މީހާ އޮތުމާއެކު ދޫބަންދުވެ އަޑުބެދި އަޑު ބޭރުނުވުން.
4. ހުވަފެނެއްގެ ތެރޭގައި ނިދީގައި ޖިންނި ފެނުން.
5. ވާހަކަ ނުދެއްކި އެއްވެސް ހަރަކާތެއް ނުކުރެވި އޮންނަން ޖެހުން.
6. ނިދިން ހޭލެވުމާއެކު ނިދީގައިވީ ހުރިހާ ބިރުވެރި އުނދަގޫތަކަކުން ސަލާމަތްވުން.
މި ޖިންނީގެ އުނދަގޫތައް ތަހައްމަލު ކޮށްފައިވާ އަދި ދޭތެރެ ދޭތެރެއިން ތަހަންމަލުކުރާ ބައެއް މީހުން ބުނާގޮތުގައި އެ އުނގަދޫތައް ވާއިރު ދުނިޔެ މަތީގެ ބައެއް ކަންތައްތައް ވެސް ތަސައްވުރު ކުރެވެއެވެ. އަދި "ކުރުސި" ނުވަތަ "ﷲ އަކުބަރު" ނުވަތަ ބަންގި ގޮވަން މަސައްކަތް ކުރުމުން ވަރަށް ފަސޭހައިން އެ އުނދަގޫތަކުން ވީއްލި ނިދިން ހޭލެވެއެވެ.
މިފަދަ ކަންކަމުން ސަލާމަތްވުމަށް ނުވަތަ މިއީ ރޫޙާނީ ކަމެއްތޯ ޔަގީން ކުރުމަށް ވެސް ކުރެވިދާނެ އެއް ކަމަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ، މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަފުޅު ލެއްޕެވުމުގައި ޢަމަލުކުރެއްވި އެކަލޭގެފާނުގެ ސުންނަތުގައި ހިފުމެވެ. އަދި ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުން ބައްޓަންކުރުމެވެ. މިގޮތުން
ކުރެވިދާނެ ބައެއް ކަންކަމަކީ:-
1. ނިދަން އޮށޯތުމުގެ ކުރިން ވުޟޫކުރުން.
2. ނިދުމުގެ ކުރިން ހުރިހާ ފަރުޟު ނަމާދެއްކުރުން.
3. އެނދަށް އެރުމުގެ ކުރިން އެނދުމަތި ފޮޅާލުން.
4. ސުބުޙާނަﷲ 33 ފަހަރު، އަލްޙަމްދުﷲ 33 ފަހަރު އަދި الله އަކްބަރު 34 ފަހަރު ކިޔެވުން.
5. އާޔަތުލް ކުރުސި ކިޔެވުން.
6. ސޫރަތުލް އިޚްލާޞް، އަލް ފަލަޤް، ސޫރަތުލް ނާސި 3 ފަހަރު ކިޔުން.
7. ކިޔޭނަމަ ސޫރަތު އަލް މުލްކް ކިޔެވުން.
8. ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާއެއް ކިޔުން.
9. ކަނާތްފަރާތަށް އޮވެގެން ނިދުން.
މަތީގައިވާ ފިޔަވަޅުތައް އަޅައިގެން ނިދާފައި އޮއްވާ ނިދީގައި އުނދަގޫކުރާ ޖިންނީގެ ކިބައިން ސަލާމަތްވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި މި ފިޔަވަޅުތައް އަޅައިގެން އޮއްވާ ވެސް މި އުނދަގޫތައް ކުރިމަތިވާ ނަމަ ބަލަންވާނީ އެއީ ޑޮކްޓްރީ ކަމެއް ކަމަށެވެ. މި އުނދަގޫތަކާއެކު ރޫޙާނީ އެހެން އުނދަގޫތަކެއް ކުރިމަތިވާނަމަ ބަލަންވާނީ އެއީ އެހެން ރޫޙާނީ ކަމެއް ކަމަށެވެ.
ޑޮކްޓްރީ ނުވަތަ ސައިންޓިފިކް ކަމަކަށް ނުވަތަ ރޫޙާނީ ކަމަކަށް ވިޔަސް މިއީ ފަރުވާ ހޯދައިގެން ﷲގެ ރަޙުމަތްފުޅުން ރަނގަޅުވާނެ ކަމެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ދިފާޢީ އައްޑަނައަކީ އަދި ހަތިޔާރަކީ އިޚްލާޞްތެރި ހިތަކާއެކު ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާއެވެ.
މި އުނދަގޫ ތަހަންމަލު ކޮށްފައިވާ މީހުން ބުނާގޮތުގައި ކުރުސި އާއި ނާސި ތިން ސޫރަތް ކިޔަވައި ނިދާއިރު ކިޔާ ދުޢާ ކިޔާ މެއަށާއި އަތަށް ފުމެލައި ގައިގައި އަތް ކާއްތާލައިގެން އޮތަސް މި އުނދަގޫތަކެއް ނުވެއެވެ.
މާތް ﷲ، އަޅުގަނޑުމެން އެންމެހާ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށް ދެއްވާށިއެވެ. ޖިންނި ޝައިޠާނުތަކުގެ ހުށަހެޅިގަތުމުންނާއި މީހުން ހަދާ ސިހުރު ހާހޫރައިންނާއި މީހުންގެ އެސްފީނާއިންނާއި ޙަސަދަވެރިކަމުން ސަލާމަތްކުރައްވައި ރައްކާތެރި ކުރައްވާށިއެވެ. އަމީން!
ނޯޓު: މިއީ އުނި،އިތުރުކޮށްލުމަކާއެކު ތަރުޖަމާއެކެވެ.
މަސްދަރު: ދަ އޮސްޓްރޭލިއަން މުސްލިމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!