އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށް މުބާރާތުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެ ޓީމް ފޮރެސްޓް ދަނޑުގައި ބައްދަލު ކޮށްފައިވާއިރު އެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. ރޭ ދެވަނަ ލެގު ޔުނައިޓެޑްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ޔުނައިޓެޑުން ވަނީ 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ވުމާއިއެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ ލިބިފައި ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.
ރޭގެ މެޗުގައި ޔުނައިޓެޑަށް ފޮރެސްޓް ކޮޅަށް ލަނޑެއް ޖެހިފައި ވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މާޝިއަލްއެވެ. މާޝިއަލް ކުޅެން ނުކުމެފައި ވަނީ ވެސް ދެވަނަ ހާފުގައެވެ. މިއީ އޭނާ މި ސީޒަންގައި ޔުނައިޓެޑަށް ޖަހައިދިން ހަވަނަ ލަނޑެވެ. އަނިޔާގެ ސަބަބުން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އޭނާ ކުޅެފައި ނުވެއެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރެޑެވެ.
ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހަށް ފަހު ރޭގެ މެޗުގައި ޔުނައިޓެޑްގެ އިނގިރޭސި ވިންގަރ ޖޯޑަން ސަންޗޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ. ފާއިތުވި ދުވަސްތަކުގައި ސަންޗޯއަށް ފިޒިކަލީ ގޮތުންނާއި މެންޓަލީ ގޮތުން ދިމާވި މައްސަލަތަކާއި ގުޅިގެން އޭނާ ފުރިހަމަ ކޮށްފައި ވަނީ ޓީމާއި ވަކިން ހާއްސަ ޓްރެއިންތަކެކެވެ.
ލީގު ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ނިއުކާސަލުންނެވެ. މި މުބާރާތުގެ ފައިނަލުގައި ނިއުކާސަލްއާއި ޔުނައިޓެޑް 1999 ވަނަ އަހަރު ވެސް ކުޅެފައިވެއެވެ. އެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑުންނެވެ.
ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 2017 ވަނަ އަހަރުއެވެ. ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!