މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 356 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ކަސްޓަމްސް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ އިންސައްތަ ދަށްވެފައެވެ. 2021 ވަނަ އަހަރު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނީ 364 މިލިއަން ރުފިޔާއެވެ.

Ad
rt

މިދިޔަ އަހަރު އިމްޕޯޓު އަދި އެކްސްޕޯޓު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، 299 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓު ކޮށްފައިވާއިރު 5.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓް ކޮށްފައިވަނީ 221 މިލިއަން ރުފިޔާގެ މުދަލެވެ. އަދި އެތެރެ ކޮށްފައިުވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ.

ފާއިތުވި ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ފަރަންސޭސި ވިލާތާއި، އޮމާނާއި، އިންޑިއާ އާއި ސިންގަޕޫރު އަދި ޗައިނާ އިންނެވެ. ފަރަންސޭސި ވިލާތުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 754 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި އިންޑިއާ އިން 724 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައިވާއިރު ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ، ޗައިނާ އިން 532 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑާއި ޖަރުމަނާއި އިނގިރޭސިވިލާތާއި އެމެރިކާ އަދި ފަރަންސޭސިވިލާތަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.