ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރާނެ ކުންފުންޏެއް ކަނޑައަޅައި އެކުންފުންޏަށް އެކަން އަންގައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރާނެ ކުންފުންޏެއް ކަނޑައެޅި ނަމަވެސް އެ ކުންފުންޏާ ބެހޭ ތަފްސީލު އިކޮނޮމިކް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މި މަޝްރޫއަށް ހަތް ކުންފުންނަކުން ބީލަން ހުށަހެޅިއެވެ.

Ad
rt

ރޭ އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފަސް ދުވަހުގެ މުއްދަތަކަށްފަހު މާލިއްޔަތު ގަވާއިދުގެ ދަށުން އެ ފަރާތާ ރަސްމީކޮށް އެ މަޝްރޫއު ހަވާލު ކުރެވޭނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތައް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވިޔަފާރި އަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްގީކުރެވިގެންދާއިރު، އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއާޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ ދެކުނުގެ އަތޮޅުތަކަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެކެވެ. އަދި މިއީ މުޅި ދުނިޔެއާއި ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ތަރައްގީކޮށްދޭނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއާއެކު ދެކުނުގެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކުރުމުގައި ގަން އިންޓަނޭޝަލް އެއާޕޯޓް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ގަބޫލު ކުރެއެވެ.

އައްޑޫ ސިޓީގައި އިގްތިސާދީ ހަބެއް ގާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު މުހިއްމު ދައުރެއް އަދާ ކުރާނެއެވެ.