ބަޑިޖަހައިގެން ވާލުގެ އާބާދީ މަދުކުރުމުގެ ހުއްދަ ދޫކުރުމަށް ދެން ހަމަޖެހިފައިވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީގެ) ހުއްދައާއި އެކުގައިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން މިކަން ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ވާލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ވާ ކޮންޓްރޯލު ކުރުމާ ބެހޭގޮތުން ނެރުއްވި ސާކިއުލާ އެއްގައެވެ.

Ad
rt

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައްޔާއި، ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރުމަކީ އެރަށެއްގެ ރަށު ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައެޅިފައިވާކަން ފާހަގަ ކުރައްވައި އެ ސާކިއުލާގައި ވިދާޅުވެފައި ވަނީ، ކައުންސިލްތަކުން ޕެސްޓު ކޮންޓްރޯލުކުރުމުގެ މަސައްކަތް ކުރާއިރު ފަންނީ ލަފަޔާއި އިރުޝާދު ބޭނުންވާ ޙާލަތްތަކުގައި އެފަދަ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު އެ މިނިސްޓްރީގައި ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން، ދަނޑުވެރިންނާއި، ކައުންސިލްތަކުން މި މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތަކަށް ރިޢާޔަތްކޮށް، 'ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ވާލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ މެނޭޖްމެންޓް ޕްލޭން' އެއް ވާނީ އެކުލަވާލާފައިކަމަށް އެ ސާކިއުލާގައިވެއެވެ. އަދި މި ޕްލޭނަކީ ވާލުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށްކުރާ އަސަރުދެނެގަނެ، ދަނޑުވެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށާއި، ވާލުގެ ނަސްލުނެތިގެން ނުދާނެހެން ވާލުގެ އާބާދީ ކޮންޓްރޯލްކުރެވިދާނެ ގޮތްތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ވިދާޅުވެފަވެއެވެ.

އެހެންކަމުން 8 ޖެނުއަރީ 2022 ގެ ފަހުން ބަޑިޖަހައިގެން ވާލުގެ އާބާދީ މަދުކުރުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ، "ދަނޑުވެރިކަމަށް ވާލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ މެނޭޖްމެންޓް ޕްލޭންގައިވާ ގޮތުގެމަތިން ބަޑިޖެހުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް މިމިނިސްޓްރީއަށް ކައުންސިލްތަކުން ނުވަތަ ޞިނާޢީ ބޭނުންތަކަށް ދިގުމުއްދަތަކަށް ދޫކުރެވިފައިވާ ރަށްތަކުން ހުށަހެޅުމުން، ވާލުގެ އާބާދީ ގިނަ ނުވަތަ ވާލުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ގެއްލުން ބޮޑު ރަށެއްކަމަށް ވަޒަންކުރުމަށްފަހު، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައާއި އެކުގައިކަމަށް އެ ސާކިއުލާގައި ވިދާޅުވެފަވެއެވެ.

އެހެންކަމުން ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ވަނީ "ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ވާލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ މެނޭޖްމެންޓް ޕްލޭން" އާއި އެއްގޮތަށް، މިކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކަކުން ވާ ކޮންޓްރޯލްކުރުމުގައި އަމަލުކުރުމަށް އެދިލައްވާފައެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުނަމަ އެ މިނިސްޓްރީގެ ޕްލާންޓް ޕްރޮޓެކްޝަން އެންޑް ކަރަންޓީން ސަރވިސަސް ސެކްޝަންގެ ފޯނު ނަންބަރު 3339209 އާ ގުޅުއްވުމަށް އެދިލައްވާފަވެއެވެ.