ރޭ ފަތިހު މާލޭ ނީލަން ފިހާރާގައި ރޯވި އަލިފާނުގެ 70 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ނީލަން ފިހާރާގައި ރޯވީ ރޭ ފަތިހު 5:45 ހާއިރުއެވެ.

Ad
rt

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ނީލަން ފިހާރައިގެ ދެ ފަޅިން ރޯވެފައިވާ އަލިފާން އެއްކޮށް މިހާރު ނިއްވާލެވިފައިވާ ކަމަށެވެ. އަދި މުޅި އަލިފާނުގެ 70 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

''އެހެންނަމަވެސް މެދުތެރޭ އަދި ވެސް ރީޗް ނުވެވޭ ހިސާބު އެބަހުރި'' އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނީލަން ފިހާރަ ސަރަހައްދުގައި މީހުން ދިރިއުޅޭ ދެ އެކޮމަޑޭޝަން ބްލޮކްގެ ތެރެއިން އެއް ބްލޮކް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށާއި، އަދި އެ ބްލޮކަށް އަލިފާން ނިއްވާ ސިފައިން ވަދެ ބެލިބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބޭ ތަން ހުސްކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލާއި އަދި އިއްޒުއްދީން ސްކޫލްގެ ކިޔެވުން ވެސް ވަނީ ކުރިއަށް ނުގެންދަން ނިންމާފައެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައިސް ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ.