މި ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްކަން ރޭ ފެނިގެން ދިޔަ ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރައިޕަރީ ކެމްޕޭނު ޖަލްސާ އާއި ހަމަ އެ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމުން ވެސް އެއްވުމެއް ބާއްވާފައިވާތީ އެކަން ފާހަގަކުރައްވައި، ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

އެ ޓްވީޓުގައި ވިދާޅުވީ ރެއަކީ ތާރީހީ ރެއެއް ކަމަށާއި އެއް ސަރަހައްދެއްގައި އިދިކޮޅު ޕާޓީން އެއްވުން ބޭއްވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށް އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުން ނުކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ،" ފަޒްނާގެ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރައީސް ސޯލިހަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި މެޑަމް ފަޒްނާގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ސަރަހައްދުގައި ޕީޕީއެމްގެ ޖަލްސާއެއް ހިނގަމުންދާތީ އެކަން ފާހަގަކުރައްވާ ރައީސް ވެސް ވިދާޅުވެފައިވަނީ މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނީ ސުލްހަވެރިކަމާއި ހަމަހަމަކަން ގާއިމުކުރުމަށް ކަމަށެވެ.

މީގެ އިތުރުން ހައްޔަރު ނުކޮށް އަދި ބަންދުނުކޮށް މިނިވަންކަން ދީގެން ވެސް ވެރިކަން ކުރެވޭނެކަން މި ސަރުކާރުން ސާބިތު ކޮށްދީފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.