ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްދު މުޢިއްޒު ހައްޔަރު ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުއިއްޒު މިރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާކަން އެ ޕާޓީން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

Ad
rt

މާލޭ މޭޔަރު ހައްޔަރު ކުރިތާ ކުޑަ އިރުކޮޅެއް ތެރޭ މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މުއިއްޒު ހައްޔަރު ކުރުމަކީ އެ ކައުންސިލުން ދެކޭ ގޮގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މާލެ ސީޓީގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ހޮވާފައި ހުރި މޭޔަރުގެ ބާރު ކަނޑުވާލުމަށްޓަކައި ހިންގާފައިވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މި ހިނގާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އެ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ. އަދި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައެވެ.

މި ހުކުމާއި ގުޅިގެން އިދިކޮޅުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.