ދިވެހި ފަންނުވެރި އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާންގެ މާކެޓަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީބީސީ)އިން ބުނީ، ދިވެހި އުފެއްދުންތައް ޕްރޮމޯޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތައާރަފް ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާއެކު އެ ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ ''އޮތެންޓިކް މޯލްޑިވްސް'' ބްރޭންޑް ދަށުން ވިއްކާ ދިވެހި ފަންނުވެރި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކޮށްފައިވާ ކަމަށެވެ.
މި އެފުއްދުންތައް ޖަޕާންގެ މާކެޓަށް ތައާރަފްކޮށްފައި ވަނީ ޖަޕާނުގެ އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއި ގުޅިގެންނެވެ.
ދިވެހި އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާނުގައި ވިއްކަން ފަށާފައި ވަނީ، ޖެޓްރޯއިން ކުރިއަށްގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުންނެވެ. "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމަކީ، ޖެޓްރޯއިން އެހެން ގައުމުތަކުގެ ވިޔަފާރީގެ އުފެއްދުންތައް ޖަޕާނަށް ތައާރަފްކޮށް މާކެޓް ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ދިވެހި އުފެއްދުންތައް ޖަޕާނުގައި
ވަން ވިލެޖް ވަން ޕްރޮޑަކްޓް މާރކެޓްކުރުމުގެ ގޮތުން، ޖަޕާނުގައި ބޭއްވި މިރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު، ހަސަން ސާބިރުގެ އިތުރުން ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތު ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.
ބީބީސީން ބުނީ އެ ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ ''އޮތެންޓިކް މޯލްޑިވްސް'' ބްރޭންޑް ދަށުން ވިއްކާ ދިވެހި ފަންނުވެރި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފް ކުރުމަށް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާތީ، އެކަން ފާހަގަ ކުރާކަމަށެވެ.
ބީ.ސީ.ސީ އަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކޯޕަރޭޝަނެކެވެ. އެ ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި އެހީތެރިވެ ދިނުމުގެ މަސައްކަތް ހިލޭ ފޯރުކޮށްދެމުންނެވެ.
ބީ.ސީ.ސީގެ އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި މާރކެޓްކުރުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!