ށ. މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ވަނީ މި ހަފްތާ ބަންދުގައި މިލަންދޫ އަށް ވަޑައިގެންފައެވެ. އެއީ ހުކުރު ދުވަހުގެ ރޭ މިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެކިގޮތްގޮތުން ދިގު މުއްދަތަކަށް އެރަށަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ދިން ފާށަނާ އެވޯޑް ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެރަށު ކައުންސިލްގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ.

Ad
rt

އެ ދަތުރަށްފަހު މިއަދު ޔުމްނާ މާލެ ވަޑައިގެންފައިވާއިރު، މިލަންދޫގެ ފޮޓޯތަކާއެކު ވަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިލަންދޫ އަކީ ފެހި، ބިންގަނޑު ހެޔޮ ޤުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ރަށެއް ކަމަށެވެ. އަދި ރަށަށް ޒިޔާރަތްކުރާ ދިވެހީންނާއި ފަތުރުވެރީން ބަލައިލަން ޝައުޤުވެރި ތަންތަން ހުރި ރަށެއް ކަމަށް ވިދާޅުވިއެވެ.

''މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއްކަން ފާހަގަ ކުރެވޭ. ރަށަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި، ރަށުގެ ޤުދްރަތީ އަދި ސަގާފީ ތަރިކަ ރައްކާތެރިކޮށް، ފަންނުވެރިކަމާއި ސަގާފަތް ކުރިއެރުވުން މުހިންމުު'' ޔުމްނާ ވިދާޅުވެފަވެއެވެ.

މިލަންދޫ ކައުންސިލުން އެރަށުގެ ޚިދުމަތްތެރިންނަށް ދިން ފާށަނާ އެވޯޑާއި ގުޅިގެން ވަޒީރު ވިދާޅުވެފައި ވަނީ، މިލަންދޫ އާބާދުވި ދުވަސް ފާހަގަކޮށް، އެ ރަށަށް އެކި ގޮތްގޮތަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް، ރަށު ކައުންސިލުން"ފާށަނާ" އެވޯޑު ދިނުމަށް ބޭއްވި ޖަލްސާގައި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫންގެ އަރިހުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް ކަމަށެވެ.

އެ އެވޯޑް ލިބުނު ފަރާތްތަކަށް މަރުޙަބާ ދަންނަވައި ޔުމްނާ ވިދާޅުވީ، ރަށަށް އެކި ރޮނގުރޮނގުން ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް މި ފަދަ އިނާމެއް ދިނުމަކީ މިލަންދޫ ކައުންސިލުން ފެއްޓެވި ވަރަށް ރަނގަޅު ކަމެއްކަމަށެވެ.

މި އެވޯޑު މިލަންދޫގެ ރައްޔިތުންގެ ފަރާތުން ރައީސް މައުމޫނަށް ވެސް ވަނީ އަރުވާފައެވެ. މި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ވެސް ރައީސް މައުމޫނެވެ.

މިލަންދޫ ކައުންސިލުން ދިން ފާށަނާ އެވޯޑް މިފަހަރު ވަނީ 60 ފަރާތަކަށް ދީފައެވެ.