ރާއްޖޭގެ މުޖަމައުގައި ހުންނަ ނޭދެވޭ ކަންކަމުން ދުރުހެލިވުމަށް އެންމެން އެކުގައި ވިސްނުން ބަދަލުކުރުމަށް ނައިބު ރައީސް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ދައުލަތުގެ މީޑިއާގެ ޕީއެސްއެމްގެ ޗެނަލް، ޓީވީއެމް އިން ގެނެސްދޭ "ހޭޔަންބޯ" ގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ނައިބު ވިދާޅުވީ ކަންކަމުގައި ހިޔާލު ތަފާތުވާ މީހުންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބުރަބަސްތައް ރައްދުކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި އެކަމުން ދުރުހެލިވެ، ދިވެހިން އެއް ރޫޙެއްގައި އެކަތިގަނޑެއްގެ ގޮތުގައި ކޮންމެ ކަމެއްގައި ވެސް ކާމިޔާބީ ހާސިލްކުރުމަށް މަސައްކަތްކުރާ ދުވަހަކީ ވަރަށް ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމެއްގެގޮތުގައި ފާހަގަކުރެއްވެވި އެވެ.

އެމަނިކުފާނަކީ މަސްތުވާތަކެއްޗާއި ދުރުހެލި މުޖުތަމައަކަށް ހެއްދެވުމަށާއި ޒުވާނުން މަސައްކަތުގެ ދާއިރާއިން ބާރުވެރިކުރެއްވުމާއި މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުފަދަ ކަންކަމުގައި މުޖުތަމައު ހޭލުންތެރިކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ފަރާތެކެވެ.

ނައިބު ރައީސް ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ހިދުމަތްތަކުން ފެނިގެންދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ދާއިރާއެއްގައި ކޮންމެ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ބައެއް ބޭފުޅުން މިއަޒުމު ކަނޑައެޅިނަމަވެސް އެކަމުގައި ދެމި ތިބޭވޭގޮތް ނުވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ސްކޫލް ދައުރުގައި ފުޓުބޯޅައިގެ ދާއިރާއިން ފާހަގަކޮށްލެވޭ އަދި އުފަން ރަށްކަމުގައިވާ ފުވައްމުލައް ސިޓީގައި ކުޅިވަރު ދިރުވާ އާލާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ވެސް އެމަނިކުފާނު ވަނީ ކުރައްވާފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ގައި ވެސް މަތީ މަގާމުތަކެއް ވެސް އަދާކުރައްވާފައި ވެއެވެ.