ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޕޮލިސް ބޯޑުގެ ލަފައާ އެކު މިދިޔަ އަހަރު ވަޒީފާ އިން ވަކިކުރަން ނިންމީ ހަތް އޮފިސަރެކެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

Ad
rt

ސިވިލް ކޯޓުގެ ހުކުމުގައިވަނީ ފުލުހުން ގާނޫނު އޮތްގޮތުން އިސް އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި ތައުލީމީ ފެންވަރު ޕޮލިސް ބޯޑުން ބެލިޔަސް، އެފަދަ ފުލުހުން ވަކިކުރުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާ ކަމަށެވެ. އަދި މި ފަސް އޮފިސަރުންނާ ބެހޭގޮތުން އެ ބޯޑުން ނިންމާފައިވާ އެއްވެސް ނިންމުމެއް ނެތް ކަމަށެވެ.

ހުކުމުގައިވަނީ އެ އޮފިސަރުން ވަކިކުރި ކަމަށް ބުނެ ފުލުހުން އެންގި އެންގުން ބާތިލްކުރާ ކަމަށެވެ.

ފަސް އޮފިސަރަކު ވަކިކުރަން ނިންމިޔަސް، އޭގެ ތެރެއިން ތިން އޮފިސަރަކު އަދިވެސް ތިބީ ވަޒީފާގަ އެވެ. އެއީ ކޯޓުގައި މައްސަލަ އޮތުމުން ކުރިން ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ ދަށުންނެވެ.