ޖީއެސްޓީއަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮގްރާމެއް ފަށައިފި އެވެ.

މިގޮތުން މި ޕްރޮގްރާމްގެ ދަށުން ގއ. މާމެންދޫ، ފ. ބިލެއްދޫ، އދ. ދަނގެތީ. ނ. ވެލިދޫ އަދި މ. މުލަކު ގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތައް ހިންގުމަށް ނިންމާފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

Ad
rt

މި ޕްރޮގްރާމްތަކުގައި ކުރިއަށް ގެންދާ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެކަމަށް އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުމުން ސެޝަންތަކުގައި ބައިވެރިވެވޭނެއެވެ.

މި ސެޝަންތަކުގައި ޓެކްސް ރޭޓަށް އަންނަ ބަދަލުތަކާއި، މިއާއި ގުޅިގެން ވިޔަފާރިތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް އޮޅުން ފިލުވައިދޭނެ ކަމަށް މީރާއިން ވިދާޅުވި އެވެ.

އަންނަ ޖެނުއަރީން ފެށިގެން މުދަލާއި އާންމު ހިދުމަތުގެ އަގުން ނަގާ ޓެކްސް 6 އިންސައްތައިން 8 އިންސައްތައަށް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުވާނެ އެވެ.

މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން ވަނީ އަންދާޒާ ކުރައްވާފަ އެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބޭނެކަމަށް ދައުލަތުން ލަފާކުރައްވަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ވެސް ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ. އެ ފިޔަވަޅުތައް ނާޅައިފިނަމަ އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ލަފާކުރެވޭކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.