ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ކްރޮއޭޝިއާ ހޯދައިފިއެވެ.

މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާމެޗު ކްރޮއޭޗިއާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން މޮރޮކޯ ބަލިކޮށްގެނެވެ.

Ad
rt

މުޅިމެޗަށް ބަލާއިރު ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ކްރޮއޭޝިއާއިންނެވެ. މި ލަނޑު އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޕެރިސިޗް މޮރޮކޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޒުވާން ޑިފެންޑަރ ގްވާޑިއޯލްއެވެ. މި ލަނޑާއިއެކު ގްއާޑިއޯލް ވެފައި ވަނީ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއަށް ލަނޑުޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. މީގެ ކުތިން މި ރެކޯޑް އޮންނަނީ ކުރިން ކްރޮއޭޝިއާގެ ފޯވަޑަށް ކުޅުނު އޮލިޗް އަތުގައެވެ. އޭނާ ވަނީ އުމުރުން 22 އަހަރުގައި ކްރޮއޭޝިއާއަށް ވޯލްޑް ކަޕްގައި ލަނޑު ޖަހައިދީފައެވެ.

ކްރޮއޭޝިއާއިން ލަނޑުޖެހިތާ ދެ މިނެޓް ފަހުން މޮރޮކޯއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަޝްރަފް ދާރީއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު 42 ވަނަ މިނޓުގައި ލިވާހާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިސްލާވް އޯސިޗެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ލިބިފައެވެ. ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ދެ ޓީމަށް ވެސް ހިފިފައި ނުވެއެވެ.

މިނިވަންވެ ކްރޮއޭޝިއާ ފުރަތަމަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަ ކޮށްފައި ވަނީ 1992 ވަނަ އަހަރެވެ. މި ފަހަރަކީ އެ ޓީމް ވޯލްޑް ކަޕްގައި ކުޅުނު ހަވަނަ ފަހަރެވެ. ހަ ފަހަރު ތެރެއިން ތިން ފަހަރު ސެމީއަށް އެ ޓީމް ދަތުރު ކޮށްފައިވާއިރު، އެންމެ ފަހުން ރަޝިއާގައި ބޭއްވި މުބާރާތުގެ ރަނަރަޕް ވަނީ ހޯދާފައެވެ. ވޯލްޑް ކަޕްގެ ތިންވަނަ ދެ ފަހަރު ކްރޮއޭޝިއާ ވަނީ ހޯދާފައެވެ. އެއީ މި އަހަރާއި 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގައެވެ.

ތިންވަނަ ހޮވާ މެޗުން ބަލިވި ނަމަވެސް މޮރޮކޯއިން ވަނީ މުބާރާތުގައި ގިނަ ބައެއްގެ ލޯބި ހޯދާ ރެކޯޑްތަކެއް ވެސް ހަދާފައެވެ. އެ ޓީމަކީ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ އެފްރިކާގެ ޓީމެވެ. އަދި މިއީ އަރަބި ދުނިޔެއަށް ނިސްބަތްވާ ޓީމަކަށް ވެސް ވޯލްޑް ކަޕްގެ ސެމީއަށް ދެވުނު ފުރަތަމަ ފަހަރެވެ.

އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެއެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން 20:00 ގައެވެ.