ތިލަމާލެ ބުރިޖުގެ މަސައްކަތްކުރުމަށް ރާއްޖޭގައި އުޅެމުންދާ އެފްކޮންސްގެ މުވައްޒަފުން ގުޅީފަޅުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން އިހްތިޖާޖުކުރީ، އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެމީހުންގެ މުދަލަށް ގެއްލުންވުމުންނެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި 76 މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި، ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މިގޮތުން އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާދެމުން އަންނައިރު، ޓްރީޓޮޕް ހޮސްޕިޓަލްގައި 63 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ 15 ވަނަ ދުވަހުގެ ރޭ 12:36 ހާއިރުއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ އެރޭ މެންދަމު 00:31 ހާއިރު ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ.

ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ އެރޭ 01:52 ހާއިރުކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފަވެއެވެ.

މި ހާދިސާގައި އެ އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެކަކު ވަނީ ގެއްލިފައެވެ. ނަމަވެސް އެއްވެސް ރަސްމީ އިދާރާއަކުން އަދި މިކަން ކަށަވަރުކޮށެއް ނުދެއެވެ.