ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށާއި ފުވައްމުލައްސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރަސްމީދަތުރުފުޅެކެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާއިރު، އެސިޓީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ.
މީގެ އިތުރުން ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ހިދުމަތްތައް އިފްތިތާހްކޮށްދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވައެވެ.
މިދަތުރުފުޅުގައި، ފުވައްމުލައްސިޓީއަށް ވަޑައިގެން، އެސިޓީގައި ވެސް ހިންގޭ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ޏ. އަތޮޅުތައުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!