ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ދުންޔާ މައުމޫން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފި އެވެ.
ދުންޔާ، އެ ކޮމިޝަނަށް ހާޒިރުކުރަނީ ރާއްޖޭގެ ތާރީހުގައި މިހައިތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ހާޒިރުވާން އަންގާފައިވަނީ މިއަދު 11 ޖަހާއިރަށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކަމަށްވާއިރު، މިމައްސަލައިގެ ތަހުގީގަށް ދުންޔާ ހާޒިރުވުމަށް މީގެ ކުރިން ވެސް ވަނީ އަންގާފަ އެވެ. އެހެންނަމަވެސް އެފަހަރު ދުންޔާގެ ފަރާތުން އޭސީސީ އަށް ހާޒިރުވެފައިވަނީ އޭނާގެ ގާނޫނީ ވަކީލެވެ.
މިކަމާއި ގުޅިގެން "ތިލަދުން" އަށް ދުންޔާ ވިދާޅުވީ އޭސީސީ އަށް މިއަދު ހާޒިރުވާނީ އެކަމަނާ އާއި ވަކީލު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ކުރީގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި ނިމިދިޔަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވެސް މި ހިޔާނާތުގެ މައްސަލައިގާ އެ ކޮމިޝަނަށް މީގެ ކުރިން ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގާއި ގުޅުންހުރި ގިނަ މައްސަލަތަކެއް އޭސީސީން ބަލަމުންދާއިރު، މިމައްސަލަތައް ވީހާވެސް އަވަހަށް ނިންމައި ދައުވާ ކުރުމަށް ފޮނުވުމަށް އޭސީސީން ދަނީ މަސައްކަތް ކުރަމުން ނެވެ. އަދި މިހާރުވެސް ބައެއް މައްސަލަތައްނިމި ތަހުގީގު ކުރުމާއިމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދަނީ މަޝްވަރާ ކުރަމުން ނެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނޭއިރު، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކު ވެސް ހިމެނެ އެވެ.
މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ހިމެނެ އެވެ.
އެހެންނަމަވެސް ރައީސް ޔާމީނަށް ދަށުކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިހައިތަނަށް ކޮށްފައިވާ ތަހުގީގުތަކަށް ބަލާއިރު، މި ހިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!