ބ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ފަރުވާދޭ ޔުނިޓެއް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް މުހައްމަދު ރަޝީދު "ތިލަދުން" އަށް ވިދާޅުވީ މިއީ އެރަށާއި ދާދި ގާތުގައި އޮންނަ ސޮނެވާފުށި ރިސޯޓަށް އައި ފަތުރުވެރިއަކު ކުރި ހަދިޔާއެއް ކަމަށާއި މިއީ އެ ހޮސްޕިޓަލުގެ ނަރުހުންގެ އޯގާތެރިކަމުގެ ހަދިޔާއެއް ކަމަށެވެ.

Ad
rt

"އެ ރިސޯޓުގައި ހުރި ފަތުރުވެރިއަކު ބަލިވެގެން މިތަނަށް ގެނައިމަ، މިތަނުގެ މުވައްޒަފުން އޭނާއާ މެދު ކަންތައްކުރި ގޮތުން، މިދެންނެވީ އޯގާތެރިކަމުގެ ސަބަބުން އެ ފަތުރުވެރިޔާ ބޭނުންވީ ހޮސްޕިޓަލުގެ ހިދުމަތް އިތުރަށް ރަނގަޅުކުރަން ހަދިޔާއެއް ދޭން. ދެން އޭނަ ދިން ހަދިޔާއެއް މީ. މުވައްޒަފުންގެ އަޅާލުމާ ލޯބި މިތަނަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ދޭކަން ދައްކުވައިދޭ މިސާލެއް މީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ހޮސްޕިޓަލަށް އެންމެ ބޭނުންވަނީ ކޯންޗެއްތޯ އާއި ކިތަންމެ އަގުބޮޑު އެއްޗެއް ވިޔަސް ބުނުމަށް އޭނާ އެދުނު ކަމަށެވެ. އެހެންވެ، އެންމެބޮޑަށް ބޭނުންވަނީ ލޮލުގެ ހިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީޒް ކަމަށް ބުނުމުން، އެކަން ކޮށްދޭނެ ކަމަށް އެފަތުރުވެރިޔާ ބުނި ކަމަށް ރަޝީދު ވިދާޅުވި އެވެ.

އެ ފަތުރުވެރިޔާއަކީ އިނގިރޭސި ވިލާތުގެ މީހެއް ކަމަށާއި ލޮލުގެ ހިދުމަތަށް ބޭނުންވާ މެޝިނަރީޒް ދިނުމަށްފަހު، އޭނާ މިހާރުވެސް ހޮސްޕިޓަލުގެ ކަންކަން ބަލަމުންދާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އެ ހޮސްޕިޓަލުގެ ކުރިއެރުމަށާއި ވަސީލަތް އިތުރުކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް އެހީތެރޮކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ދެވަނަ ދަރަޖައިގެ ހޮސްޕިޓަލަކުން ލިބޭ ހުރިހައި ހިދުމަތެއް މިހާރު ލިބޭ ތަނެކެވެ. އެގޮތުން ލޮލުގެ ހިދުމަތާއި، ރޭޑިއޮލޮޖީ އަދި ކަށީގެ ހާއްސަ ބަލިތަކާއި، ފިޒިޝަނުންގެ ހިދުމަތް އެ ހޮސްޕިޓަލުން މިހާރުލިބެން ހުރެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް އަތޮޅު ތެރޭގައި މި ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބ. އަތޮޅު ހޮސްޕިޓަލުން މިހާރު ވަނީ ޑައިލިސިސް ގެ ހިދުމަތް މި ދިޔަ ނޮވެމްބަރ މަހުގެ 24 ވަނަ ފަށާފަ އެވެ. އެ ހޮސްޕިޓަލުން މި ހިދުމަތް ފަށާފައިވަނީ، ހިދުމަތަށް ތަމްރީނުވެފައިވާ ދެ ނަރުހުންނާ އެކުގަ އެވެ. އަދި އިތުރު ނަރުހުން މިއަހަރު ތަމްރީން ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފަ އެވެ.

އެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދިނުމަށް ހާއްސަ އިމާރާތެއް ފައިބެއަހަރު އަޅައި، އެ އަހަރުގެ ތެރޭގައި ހިދުމަތް ދިނުމަށް ވަމުން އައި ތައްޔާރީތަކަށް ކުޑަލަސްކަމެއް އައީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތަަށް އިތުރު ވަގުތު ބޭނުންވާތީ އެވެ.

ކިޑްނީގެ ހާއްސަ ބައްޔަކަށް ދެވޭ މި ފަރުވާ ނުވަތަ ޑައިލިސިސް މަދުވެގެން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ދޭން ޖެހޭއިރު، އެ އަތޮޅުގައި މި ފަރުވާ ހޯދަންޖެހޭ 18 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޑައިލެސިސް ހަދާއިރު، އަނެއްބައި މީހުން މާލެއަށް ދިރިއުޅުން ބަދަލުކުރަން ޖެހިފައިވަނީ ވެސް އަތޮޅުން އެ ހިދުމަތް ލިބެން ނެތުމުން ނެވެ.