ވެހިރާއްޖޭގެ ސަރުކާރުގެ އެދުމުގެމަތިން އިންޑިއާއިން، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް، ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީފޯރުކޮށްދީފިއެވެ.

މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދުވަނީ ފޮރިން މިނިސްޓްރީގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާގެ ސަފީރު މުނު މަހާވަރު އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯ ޑޯރާބާބޫ ޑަޕަރްތީ ބައިވެރިވެލެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ޖައިޝަންކަރުވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފައިއެވެ.

Ad
rt

ޑރ.ޖައިޝަންކަރު ދެއްކެވި ވާހަކަފުޅުގައި، މި ފައިސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ އިޤްތިސާދު ހަލުވިކަމާއިއެކު ކުރިއެރުވުމުގެ މަސައްކަތްފަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި، މިއީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތާއި ރާއްޖޭގެ އިންޑިއާ ފަސްޓް ސިޔާސަތުގެ ދަށުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި، ދެޤައުމުގެ ރައްޔިތުންގެ އެދުމާއި އުއްމީދުތައް އަދި ބޭނުންޖެހިފައިވާ ކަންކަމަށް އިޖާބަދޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ އަވަހަށް އިޖާބަދީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އެދިފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އޮގަސްޓް 2022 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީތު ނަރެންދުރަ މޯދީ އާއެކު ބޭއްވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ފައިސާގެ އެހީ ފޯރުކޮށްމިދެވެނީ އެސްބީއައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށް ކަމަށް ސަރުކާރުން ބުނެއެވެ. އަދި ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި ދޭ 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދެނީ އެއްވެސް ޝަރުތަކާއިނުލައި ސަރުކާރަށް ފެންނަ ގޮތުގައި އިސްކަންދީގެން ޤައުމަށް މިވަގުތު ދިމާވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ޙަރަދުކުރުމަށް ކަމަށާއި މި ފައިސާގެ އެހީއަށް އިންޑިއާއިން އެސްބީއައި އަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.