އެކުވެރި ދައުލަތްތައް (އދ) ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުތަކާއި ގުޅޭގޮތުން ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އޭނާ ވިދާޅުވީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ރައީސް އަށް ލިބިދީފައިވާ ކަމަށެވެ.
"އެހެންވެ، ރައްޔިތުންގެ އެންމެމަތީ މަސްލަހަތު ހިމާޔަތް ކުރެވޭގޮތަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ދަމަހައްޓާ، އެކަމާއި ގުޅޭގޮތުން އދ ގެ އާންމު މަޖިލީހުގަ ވޯޓެއް ލާކަމުގަ ވާނަމަ، އެ ވޯޓެއް ލުމުގެ ކަންކަން ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދަވާނެ. ދެން ބައިނަލްއަގުވާމީ ކޯޓުތަކުން އެނިންމާ ނިންމުންތަކާ، އދ ގަ މިނެގޭ ވޯޓުތަކާ ނިންމުންތަކަށް ސަރުކާރުން އިހްތިރާމް ކުރާނެ." މިއުވާން ވިދާޅުވި އެވެ.
މީގެ އިތުރުން ޗާގޯސް މައްސަލައިގައި ވާނުވާ ސާފުނުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް މަޖިލީހުގައި ވިދާޅުވެފައިވާތީ، މިކަމުގައި ވާނުވާ ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިވާކަމަށް ގަބޫލުކުރަންތޯ ވެސް "ތިލަދުން" އިން ވަނީ ސުވާލުކޮށްފަ އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އެ މައްސަަލައިގާ މިހައިތަނަށް ކަންހިނގަމުން އައި ގޮތް، އެކި ފަހަރުމަތިން އެކި މަންސަ ތަކުގައި ކިޔައިދެއްވާފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުންނާއި ރާއްޖޭގެ ހާރިޖިއްޔާ އިން ވެސް އެ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެ މައްސަލައިގާ ލީޑް ކައުންސިލް ވެސް ވަރަށް ތަފްސީލުކޮށް، އަދި ވަރަށް ޓެކްނިކަލްކޮށް މައުލޫމާތު ހިއްސާކުރައްވާފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އެކަމާއިގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އދ ގެ ވެބްސައިޓުގަ ވެސް ލިބެން ހުރި ކަމަށެވެ.
"ދެން ސާފުވެވަޑައި ނުގަންނަވާ ބޭފުޅެއްކަމުގައިވާނަމަ، ސާފުވެވަޑައިގަންނަވާނެ ގޮތަށް އެހެރީ މައުލޫމާތު ފެންނަން. އަޅުގަނޑުގެ ހިތަށް އަރަނީ ސާފުވެވަޑައިނުގަންނަވާ ކަމެއްގެ ވާހަކަ އެހާ ތަފްސީލު ގޮތެއްގަ އެކަމުގަ އޮޅުން އަރާގޮތެއް އެ ދައްކަވަނީ ކީއްވެތޯ. އެއީ ތަފްސީލީ މައުލޫމާތު ލިބެން ހުރި އިރު، އެކަމުގެ މައުލޫމާތު ހޯއްދަވައިގެން ދެއްވުން އެއީ އަޅުގަނޑަށް ހީވަނީ އެންމެރަނގަޅުކަމަކަށް ވާނެހެން." މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ، ރައްޔިތުން ހޮއްވަވާފައި ތިއްބަވާ ބޭފުޅުން އެގޮތަށް ވާހަކަ ދައްކަވާއިރު، ރައްޔިތުންނަށް އޮޅުން ނާރާނެގޮތަށް އެވާހަކަ ދެއްކުން މުހިންމު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!