އަނިޔާގެ ސަބަބުން މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމްގެ ކެޕްޓަން ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަމުގައި އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ.

މާނޭއަށް އަނިޔާވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މެޗުގެ 15 ވަނަ މިނެޓުގައި ދަނޑުމަތީ ފަރުވާދިނުމަށް ފަހު އިތުރަށް އޭނާއަށް ކުޅުން ކުރިއަށް ނުގެންދެވުމުން މެޗުގެ 20 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ.

Ad
rt

އަނިޔާގައި ހުރި ނަމަވެސް ވޯލްޑް ކަޕަށް ސެނެގާލުން އެކުލަވާލި ޓީމުން މާނޭއަށް ފުރުޞަތު ދީފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ މުބާރާތުގައި ކުޅެވޭނެ ކަމުގެ އުންމީދު އޮތުމާއިއެކުގައެވެ.

ސެނެގާލް ފުޓްބޯޅަ ފެޑްރޭޝަންގެ ބޯޑް މެމްބަރ އަބްދުއްލާޔީ ސޯ ބުނެފައިވަނީ މާނޭނެތި ސެނެގާލް ޓީމް ކުޅުން އެއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތް ނޫން ކަމަށާއި ނަމަވެސް އެ ހާލަތާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ވުމާއެކު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބަރޯސާވާންވީ މާނޭ ނުލައިކުޅެ މޮޅެއް ހޯދުން ކަމަށެވެ.

ދެފަހަރު އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަޤާމް ހޯދާފައިވާ މާނޭއަކީ ސެނެގާލް ޓީމުގެ ވެސް އެންމެ މުހިންމު ކުޅުންތެރިއާއެވެ. މި އަހަރު ކުރީކޮޅު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތް މުޅިން އަލަށް ސެނެގާލުން ކާމިޔާބު ކޮށްފައިވާއިރު އެ ކާމިޔާބީގައި ވެސް މާނޭގެ ދައުރު ބޮޑެވެ. މާނޭ ވަނީ ސެނެގާލްއަށް ކުޅެދިން 93 މެޗުގައި 34 ލަނޑު ޖަހާފައެވެ. އޭނާއަކީ މިހާތަނަށް ސެނެގާލް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނޭ ސެނެގާލް ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ ނެދަލެންޑްސްއާއި ދެކޮޅަށެވެ. މި މެޗުގައި މާނޭ ނުފެންނާނެއެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ގަތަރާއި އިކުއެޑޯއެވެ.