މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ސްޕެއިނުން އެކުލަވާލި ޓީމުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ލަޕޯޓްއާއި ރޮޑްރީއަށް ފުރުޞަތު ލިބުނުއިރު ސާޖިއޯ ރާމޯސްއާއި ތިއާގޯ އަލްކަންޓާރާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ބަލަހައްޓަމުން އަންނަ ޑޭވިޑް ޑެހެއާއް ފުރުޞަތު ގެއްލިއްޖެއެވެ.
ސްޕެއިންގެ ޤައުމީ ޓީމަށް 45 މެޗު ކުޅެދީފައިވާ ކީޕަރު ޑޭވިޑް ޑެހެއާއަށް ފާއިތުވި ދެ އަހަރު ދުވަހު ސްޕެއިން ޓީމުން ފުރުޞަތު ލިބިފައި ނުވެއެވެ. ސްޕެއިން ޓީމަށް 46 މެޗު ކުޅެދީފައިވާ ތިއާގޯ އެންމެ ފަހުން ސްޕެއިން ޓީމުގައި ހިމެނިފައި ވަނީ 2020 ވަނަ އަހަރު ޔޫރޯއަށް ސްޕެއިނުން އެކުލަވާލި ޓީމުގައެވެ. އެ މުބާރާތުގެ ދެ މެޗެއްގައި ތިއާގޯ ވަނީ ކުޅެފައެވެ.
ސްޕެއިން ޓީމަށް ގިނަ މެޗުތައްކެއް ކުޅެދީ ކެޕްޓަނެއްގެ ދައުރު ވެސް ގިނަ މެޗުތަކެއްގައި އަދާކުރި، މިހާރު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރ ސާޖިއޯ ރާމޯސްއަށް، މިފަހަރު ވޯލްޑް ކަޕް ސްކޮޑުން ފުރުޞަތު ލިބިފައި ނުވެއެވެ. ސްޕެއިނުން 2020 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތައް އެކުލަވާލި ޓީމުން ވެސް ރާމޯސްއަށް ފުރުޞަތު ދީފައިނުވެއެވެ.
ޗެލްސީގެ ކެޕްޓަންކަން ކުރަމުން އަންނަ ޑިފެންޑަރ އަޒްޕިލްކުއޭޓާ ހިމެނޭހެން ޕްރިމިއާ ލީގުގެ ފަސް ކުޅުންތެރިއަކަށް ސްޕެއިން ޓީމުން ވަނީ ޖާގަ ދީފައެވެ. އޭގެ ތެރޭގައި ބްރައިޓަންގެ ކީޕަރު ރޮބާޓް ސަންޗޭޒް، ބްރެންޓްފޯޑްގެ ކީޕަރު ޑޭވިޑް ރަޔާ ވަނީ ހިމެނިފައެވެ. ނަމަވެސް ޗެލްސީގެ ކީޕަރު ކެޕާއަށް ވެސް ސްޕެއިންގެ ޓީމުން ޖާގަ ލިބިފައި ނުވެއެވެ.
ފާއިތުވި ދެ އަހަރު ގިނަ ދުވަސްތަކެއްގައި އަނިޔާގައި ހޭދަކުރުމަށް ފަހު މި ސީޒަންގައި އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ނަމަވެސް ބާސާއަށް ކުޅެމުން އަންނަ އަންސޫ ފާޓީއަށް، ކޯޗް އެންރީކޭ ވަނީ ފުރުޞަތު ދީފައެވެ.
ފާއިތުވި ސެޕްޓެމްބަރ މަހު ސްޕެއިންގެ ސްކޮޑުން އަލަށް ފުރުޞަތުދިން އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ވެސް ވަނީ ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމަނާފައެވެ. މީގެ އިތުރުން ބާސާއަށް ކުޅެމުން އަންނަ ފެރާން ޓޯރޭސްއާއި އަލްވާރޯ މޮރާޓާއަށް ސްޕެއިން ޓީމުން ވަނީ ފުރުޞަތު ލިބިފައެވެ.
ސްޕެއިން ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެއްފަހަރު ކާމިޔާބު ކޮށްފައެވެ. އެއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.
މިފަހަރު ސްޕެއިން ހިމެނެނީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޖަރުމަނާއި ޖަޕާންގެ އިތުރުން ކޮސްޓަރިކާއެވެ.
ސްޕެއިން ޓީމް
ގޯލް ކީޕަރުން: އުނާއީ ސިމޮން (އެތުލެޓިކް ބިލްބާއޯ) ރޮބާޓް ސަންޗޭޒް (ބްރައިޓަން) ޑޭވިޑް ރަޔާ (ބްރެންޓްފޯޑް)
ޑިފެންޑަރުން: އަޒްޕިލްކުއޭޓާ (ޗެލްސީ) ޑެނީ ކަރަވަހާލް (ރެއާލް މެޑްރިޑް) އެރިކް ގާސިއާ (ބާސެލޯނާ) ހޫގޯ ގުއިލްމަން (ވެލެންސިއާ) ޕައު ޓޯރޭސް (ވިޔަރެއާލް) ލަޕޯޓް (މެންޗެސްޓާ ސިޓީ) ޖޯޑީ އަލަބާ (ބާސެލޯނާ) ޖޯސޭ ގަޔާ (ވެލެންސިއާ)
މިޑްފީލްޑަރުން: ސާޖިއޯ ބަސްކުއެޓް (ބާސެލޯނާ) ރޮޑްރީ ހެނާންޑޭޒް (މެންޗެސްޓާ ސިޓީ) ގަވީ (ބާސެލޯނާ) ކާލޮސް ސޮލާ (ޕީއެސްޖީ) މާކޮސް ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް) ޕެޑްރީ (ބާސެލޯނާ) ކޮކޭ (އެތުލެޓިކޯ މެޑްރިޑް)
ފޯވާޑުން: ފެރާން ޓޯރޭސް (ބާސެލޯނާ) ނިކޯ ވިލިއަމްސް (އެތިލެޓިކް ބިލްބާއޯ) ޔެރެމީ ޕިނޯ (ވިޔަރެއާލް) އަލްވާރޯ މޮރާޓާ (އެތުލެޓިކޯ މެޑްރިޑް) މާކޯ އެސެންސިއޯ (ރެއާލް މެޑްރިޑް) ޕަބްލޯ ސަރާބިއާ (ޕީއެސްޖީ) ޑެނީ އޯލްމޯ (އާރުބީ ލެއިޕްޒިގް) އަންސޫ ފާޓީ (ބާސެލޯނާ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!