މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރެއަށް ފަސްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިއޮތް ރަސްމީ ޖަލްސާ މާދަމާ ރެޔަށް ފަސްކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނިންމަވާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މި ޖަލްސާ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

މި ޖަލްސާ ފަސްކުރައްވާފައި ވަނީ މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް މީހުންގެ ފުރާނަ ގެއްލި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަމުގެ ހިތާމައިގަ އެވެ.

މި ޖަލްސާގައި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުން އޮންނާނެ އެވެ.

މި އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކަށާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން މި އަހަރު ހުޅުވައިލި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިގެން، އިނާމު ހާސިލުކޮށްފައިވާ ކުންފުންޏަކަށްވެސް އިނާމު ދެއްވާނެ އެވެ.

މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވައިފައިވާ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީން ނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ރައީސް ދިވެހި ޤައުމާ މުހާތަބު ކުރައްވާނެ އެވެ.

ރޭ ދަންވަރު 12:27 ހާއިރު މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި 10 މީހުން ނިޔާވެފައިވާ އިރު، 30 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ. އަދި އެކަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.