އުސޫލާ ހިލާފަށް ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވައިފި އެވެ.
މިއީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް އެރަށު ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރި މައްސަލައެކެވެ.
ޕީޖީ އޮފިހަށް ހުށަހަޅާފައިވަނީ ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމާއި އިއުލާން ކުރުމެއްނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި މައްސަލަ ތަޙުޤީގުކުރުމަށްފަހު ދަޢުވާކުރުމަށެވެ.
އޭސީސީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެ ބިން ދޫކޮށްފައިވަނީ އެރަށު ކައުންސިލްގެ އޭރުގެ ނައިބު ރައީސް އާއި މެންބަރަކާއި އާއިލީގޮތުން ގުޅުންހުރި އެރަށު އަމިއްލަ ފަރުދަކަށް ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލް އިހްތިސޯސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާއި ހިލާފަށް އިއުލާނުކުރުމެއްނެތި އެ ބިން ކުއްޔަށް ދީފައިވާކަން ތަޙުޤީހަށް އެނގިފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައި އެވެ.
15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭގޮތަށް ކުއްޔަށްދީފައިވަނީ ހުއްދަ ހޯދުމެއްނެތި ކަމަށްވާތީ، އެކަން އެގޮތަށް ކޮށްފައިވަނީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭތީ ޢަބްދުއްސައްތާރު ޙަސަން (އޭރުގެ ކައުންސިލްގެ ނައިބު ރައީސް، މިހާރުގެ ކައުންސިލްގެ ރައީސް) އާއި މުޙައްމަދު ރާޟީ އަދި ޙަސަން ޖަޢުފަރުގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާކަމުގެ ދަޢުވާކޮށްދިނުމަށް ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕީޖީ އޮފީހުގައި ވަނީ އޭސީސީ އިން އެދިލައްވާފަ އެވެ.
ބިން ކުއްޔަށްދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުގެމަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240.00 ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927.04 އާއެކު ޖުމްލަ 36,167.04 ރުފިޔާ ހޯދާފައިވާކަން އެނގެން ނެތަތީ، އެފައިސާ އާއި އަދި މިހާތަނަށް ލިބެންޖެހި، ނުލިބިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލަށް އޭސީސީ އިން ވަނީ އަންގަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!