ދޫނިދޫ ޖަލަށް ވަގަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މިފަދަ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ޖަލު ހުކުމެއް އައި ފުރަތަމަ ފަހަރެވެ. މި މައްސަލާގައި ޖަލަށްލީ ޕޮލިސް ކޮންސްޓަބަލް ލ. ދަނބިދޫ ނާއިސް، އަނަސް އަލީގެ މައްޗަށެވެ.

Ad
rt

އަނަސްގެ މައްޗަށް އެ ހުކުމް އައީ 2020 ވަނަ އަހަރު ދޫނިދޫގައި އޭނާ އުޅެނިކޮށް، ޖަލަށް ފޯނު ވައްދަން އުޅޭކަމަށް މައުލޫމާތު ލިބިގެން އޭނާގެ ހަށިގަނޑު ފާސް ކުރިއިރު ނޮކިއާ ބައްތި ފޯނާއި ސިމާއި ޖަލަށް ތަކެތި ވެއްދުމާ ބެހޭ ނޯޓުތަކެއް އޭނާ އަތުން ފެނިފައިވާތީ އެވެ.

އިއްޔެ ކުރި ހުކުމުގައިވަނީ އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެދުނަސް، އޭނާ ކުށްކުރީ ފުލުހެއްގެ ގޮތުގައި ހުރެ ކަމަށްވާތީ އަދަބު ޖޫރިމަނާއަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ކުށުގެ އަދަބަކީ ހަ މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ބަންދުގައި ހޭދަކުރި 11 ދުވަސް އުނިކުރުމަށްފަހު އޭނާ ފަސް މަހާއި 19 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.