އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި އިންޓަ މިލާން ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔުވެންޓަސްއިން މި ސީޒަން ފަށައިގެން ތަކުރާރުކޮށް ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް، މި ފަހަކަށް އައިސް އެ ޓީމް ވަނީ ހަމައަކަށް އެޅެން ފަށާފައެވެ. މިގޮތުން މި މެޗު ހިމެނޭހެން އެންމެ ފަހުން ލީގުގައި ޔުވެންޓަސް ކުޅުން ހަތަރު މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.

Ad
rt

ރޭގެ މެޗު ފަށައިގެން އިންޓަ މިލާނުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފިފައި ނުވެއެވެ. ފުރަތަމަ ހާފުގައި އިންޓަގެ ފޯވާޑް ލަޓާރޯ މާޓިނޭޒްގެ އިތުރުން އެ ޓީމްގެ އެޑިން ޒެކޯއަށާއި ޑްމަފްރީސްއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތު ލިބި ބޭނުން ނުހިފިފައެވެ.

މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ފިލިޕް ކޮސްޓިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑްރިއަން ރެބިއުޓެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި ކޮސްޓިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނިކޯލޯ ފަންގިއޯލީއެވެ.

މި ނަތީޖާއާއިއެކު ޔުވެންޓަސް މިވަގުތު އޮތީ ތާވަލުގެ 5 ވަނާގައެވެ. ޔުވެންޓަސްއަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، 13 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު އިންޓަ އޮތީ ތާވަލުގެ 7 ވަނާގައެވެ. ތާވަލުގެ އެއްވަނާގައި 6 ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ ނަޕޯލީއެވެ.