ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަލް އުސްތާޖު ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް ނިސްބަތްކުރައްވަ އެވެ.
އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބަކާއި މިއަދުކުރިއަށްދާ ޕީޕީއެމްގެ އިންތިހާބުގެ ފޮޓޯތަކަކާއެކު ކުރެއްވި ޓްވީޓެއްގައި ފައްޔާޟު ވަނީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ކިޔުއްވާފަ އެވެ.
"ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް ސޯލިހު، ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް." އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާ ވެސް ތަފާތު ކަމަށާއި ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ފެށި މިއަދު ހެނދުނު 10 ޖެހިއިރު އެވެ. ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި ހަވީރު 4 ޖެހިއިރު ކިޔޫގައި ތިބި ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ.
އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާއިރު، އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަރުވާފަ އެވެ.

ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމަަށްފަހު، އެމަނިކުފާނަށް ގެންދަވަނީ އަތޮޅުތަކަށް ދަތުރުފުޅު ކުރައްވަމުން ނެވެ. އެގޮތުން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފައްޓަވާނެ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި އެ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.

ރިޔާސީ ޓިކެޓް ލިބިވަޑައިގެންފަހުން، އައްޑޫ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެސިޓީގެ ތަރައްގީއަށާއި ޔާމީންގެ ފަރާތްޕުޅުން އެ ސިޓީއަށް ކޮށްދެއްވަން ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލާނެ ކަމަށާއި ޔާމީން އައްޑޫއާ ދޭތެރޭ ދެކެވަޑައިގަންނަވާ ތަސައްވަރު ހާމަކުރައްވާނެ ކަމަށް ޕީޕީއެމް އިން ވަނީ ވިދާޅުވެފަ އެވެ.

Ad
rt

ޔާމީން ވަނީ ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފަ އެވެ. އަދި ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ އަށް ވެސް ވަނީ ވަޑައިގެންފަ އެވެ.