ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ ކަމަށް ޑިފެންސް މިނިސްޓަރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި އޮތް ހަވީރެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ.

Ad
rt

އެ ހަވީރުގައި މާރިޔާ ވިދާޅުވީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ އުދުވާނުން ދިވެހީންނަށް ލިބުނު ނަސްރުގައި ހުސައިން އާދަމް އަދާކުރެއްވީ މުހިންމު ދައުރެއް ކަމަށެވެ.

"އެ ދުވަހުގެ ވާހަކަދައްކާއިރު އެ ނަން ޚާއްސަ ނަމަކަށް ވަނީ އެ ސަބަބަށްޓަކާ. އޭނާއަކީ ފުރިހަމަ ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ އަޒުމުގައި ދެމިހުރި ސިފައިންގެ މީހެއް. ނޮވެމްބަރު ތިނެއްގެ އުދުވާނަކީ މި ފަހުން ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ." މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ސަލާމަަތަށް ގިނަ ގޮންޖެހުންތަކެއް މިއަދު ވެސް ކުރިމަތިވެފައިވާކަން ހާމަކުރައްވާ މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއި ހަތިޔާރު ހޯދުމަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތްކުރާ ކަމަށެވެ.

މީގެ އިތުރުން ޒުވާނުން އަސްކަރިއްޔާއާ ގުޅި ގައުމަށް ހިދުމަތްކޮށްދެއްވުމަށް ވެސް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ކުޅުދުއްފުށި ސިޓީގައި ބޭއްވި ހަވީރުގައި އެ ސިޓީގެ މޭޔަރާއި ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެލައްވައިފަ އެވެ. އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ވަނީ ސިފައިން އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕެރޭޑާއި ހެވިކަމުގެ ހަރަކާތްތައް ބަލައިލުމަށް ވެސް ގޮސްފަ އެވެ.