ހއ. މާރަންދޫ އިންޖީނުގޭގެ 224،000 އަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މީހާ ޖަލަށް ނުލާ، 111،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
2012 އިން ފެށިގެން 2014 އާ ހަމައަށް މާރަންދޫ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުރި އެރަށު ފަޒާ މުހައްމަދު އަރީފު ޚިޔާނާތްތެރިވީ އެތަނުގެ 224،000ރ. އަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ އަރީފް ކުށަށް އިންކާރު ކުރިޔަސް، ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެކަމަކު ކޯޓުން ނިންމީ އެ ކުށަށް އޮންނަ ދޮޅު އަހަރުގެ ޖަލު ހުކުމް އެއްކޮށް ޖޫރިމަނާއަކަށް ބަދަލުކުރުމަށެވެ.
އެގޮތަށް ބަދަލު ކުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ 111،000ރ. އެވެ. އެ ފައިސާ ދައްކަން އެއް އަހަރުގެ މުއްދަތެއް ކޯޓުން ދިނެވެ.
ގަވާއިދު އޮންނަ ގޮތުން އެ ބާވަތުގެ ކުށްތަކުގެ އަދަބު އެއްކޮށް ޖޫރިމަނާއަކަށް ބަދަލެއް ނުކުރެވޭނެ އެވެ.
އެކަމަކު ކޯޓުގެ ނިންމީ އެ މައްސަލައަކީ 2017 ވަނަ އަހަރުގެ މައްސަލައަކަށް ވެފައި އަދި އަނިޔާވެރިކަން ނުހިމެނޭ ކުށްތަކުގައި އޭރު ޖޫރިމަނާގެ އަދަބު ދެމުން އައިސްފައިވާތީ އަރީފްގެ އަދަބު ޖޫރިމަނާއަކަށް އެއްކޮށް ބަދަލު ކުރެވިދާނެ ކަމަށެވެ. އެއީ ހަމަހަމަކަން ގާއިމްކުރަން ކުރި ކަމެއް ކަމަށް ވެސް ގާޒީ މުހައްމަދު މިސްބާހު އިއްވި ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!