''ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ޤަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން ކަމަށެވެ. ރައީސްގެ ވާހަކަ ފުޅުގައި ދުނިޔެ އާއި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައި ވެސް ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް، އެއަންނަ ކުއްލި ބަދަލާއިއެކު ހުރިހާކަމެއް ވަގުތުން ރަނގަޅުވެ އިސްލާޙްވެގެން ނުދާނެ ކަމަށާއި، ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި، ވެފައި އޮންނަ ޒަމާންވީ އާދަ، ހަމަ އެވަގުތު ބަދަލުވެސް ނުވާކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް، ކަމެއް މާގިނަ ދުވަހު ދެމި އާދައަކަށް ވުމުން، ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައިކަމަށާއި ގޯސް އޮންނަނީ އެއްގޯސްވެފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމްވެފައި އޮންނަ ރީތިކަމެއްގެ ގޮތުގައި ވެރިންދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ޤައުމަކަށް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"، މަހާސިންތާ އަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!