ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް މަހާސިންތާއެއް ބާއްވައިފި އެވެ.

ޑަބްލިޔު.އެޗް.އޯ އާއި ހެލްތު މިނިސްޓްރީ ގުޅިގެން މި މަހާސިންތާ ބާއްވާފައިވަނީ މި އޮކްޓޯބަރ މަހުގެ 23 ން 27 އަށެވެ.

Ad
rt

މި މަހާސިންތާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި ސިއްހީ ދާއިރާގެ އެކިއެކި ފަންނީ ލެކްޗަރާއިން ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މި މަހާސިންތާގައި 75 ފަރާތް މަހާސިންތާގެ ޖަލްސާއަށް ވަޑައިގެން، ބައިވެރިވެ ވަޑައިގެންފައިވާ ކަމަށާއި 100 އަށްވުރެ ގިނަ ފަރާތުން އޮންލައިންކޮށް ބައިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން މަހާސިންތާގެ ޖަލްސާތަކަށް މާލެ ހިމެނޭ ގޮތަށް ކޮންމެ އަތޮޅަކުން ދެ ފަރާތުން ހާޒިރުވެ، ބައިވެރިވެފައިވާ ކަމަށާއި މާލެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލްތަކުން 3 ނުވަތަ 7 ބައިވެރިން މަހާސިންތާގައި ބައިވެރިވި ކަމަށް ވެސް ވިދާޅުވި އެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި މަހާސިންތާގައި ބަލިމީހުންގެ ރައްކާތެރިކަމާއި، ރައްކާތެރި ގޮތުގައި ބޭސް ދިނުމާއި، ގެއްލުމާއި ނުލާ ބޭސް ދިނުމާއި، އިންފެކްޝަނުން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަނުން ޖެހޭ އިންފެކްޝަން މޮނިޓަރ ކުރުމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި މެނޭޖްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތްދޭ އާލާތްތައް ރައްކާތެރިކުރުމާއި، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފަރމަސިސްޓުންގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ މައްޗަށާއި ސަރގަރީތަކުގެ ރައްކާތެރިކަމަށް ބޭނުންކުރާ ސަރޖިކަލް ޗެކްލިސްޓަށް އަހުލުވެރިކުރުމަށް ވެސް ބައިވެރިންގެ ހިޔާލު ހޯދާފައިވާ ކަމަށާއި ސިއްހީ ދާއިރާގެ އެކިއެކި ކޯސްތަކުގެ ކަރިކިއުލަމް ގައި އިންފެކްޝަނުން ރައްކާތެރިވުމާއި ކޮންޓްރޯކް ކުރުމާއި ބެހޭ ކަންކަން ހިމެނުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވެސް ބައިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވިދާޅުވި އެވެ.

ހަމަމިއާއެކު ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭ ހާދިސާތައް ރިޕޯރޓް ކުރުމާއި އެފަދަ ހާދިސާތަކުން ދަސްކުރާނެ ނިޒާމްތަކާއި "ޕޮއިންޓް އޮފް ކެއަރ" ކޮލިޓީ ހިފެހެއްޓުމާއި ގުޅޭގޮތުން ނެގިފައިވާ ފިޔަވަޅުތަކުން ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވި އެވެ. އަދި ކަމުގެ މާހިރުންނާއިއެކު އެކިއެކި ހާދިސާތަކުގެ ރިވިއުއާއި ގުޅޭގޮތުން ވެސް ބައިވެރިން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމާބެހޭ ދުވަހުގެ ޝިއާރަކީ "ގެއްލުމާއި ނުލާ ބޭސްފަރުވާ" މިއެވެ. އަދި މި މަހާސިންތާގެ ޝިއާރަކީ "ބަލިމީހުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުން ފެށެނީ އަހަރެންނާއި ހަމައިން" މިއެވެ.