މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު، ބަންދުގައި ބެހެއްޓޭވަރަށް، ހެއްކާއި ގަރީނާ ނެތުމުން އޭނާ ދޫކޮށްލައިފި އެވެ.
ފުލުހުން މިރޭ ވިދާޅުވީ، އަރްޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ބަންދު ދެމެހެއްޓޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލާފަ ކަމަށެވެ.
އަރުޝަދު ހާލިދު ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ. ރޭ ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގަ އެވެ.
އެހެންނަމަވެސް އޭނާ ދުބާއީ އަށް ގޮސް އުޅެނިކޮށް ވަނީ ސްރީލަންކާއަށް ޑީޕޯޓުކޮށްލާފައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ފުލުހުންނަށް އަމުރެއް ދީފައިވީނަމަވެސް އޭނާ ލަންކާއިން މާލެ ގެނެސް ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި މި މަހުގެ 17 ވަނަ ދުވަހަށް ތަވަލުކުރި އެވެ.
އެކަމަކު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ވަނީ ވިދާޅުވެފަ އެވެ.
ހައިކޯޓުން އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފައިވާތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!