ގޭންގު ކުށްތަކާ ދެކޮޅަށް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ އިނާމް ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވައިފައިވާ ކަމަށެވެ. އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ދެ މައްސަލައަށް މަގުފަހިކުރާ ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތައް މަދުވުމާއި، ވަޒީފާގެ ފުރުޞަތުތައް މަދުވުން ހިމެނޭ ކަމަށެވެ.

އެހެންވެ، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދެއްވުމާއި، ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ، ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރު ވެސް ފެންނަން ފަށާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ވަޒީރުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.