އާސަންދަ ކަސްޓަމަރ ސަރވިސް ފްރަންޓް އޮފީސް ފެންބިލްޑިންގ އަށް ބަދަލުކޮށްފި އެވެ.
އާސަންދަ އޮފީހުން ވިދާޅުވީ ކުރިން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 3 ވަނަ ފަންގިފިލާގައި ހުރި އާސަންދަ ފްރަންޓް އޮފީސް ބަދަލުވެފައިވަނީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގެ 3 ވަނަ ފަންގިފިލާއަށް ކަމަށެވެ.
އެހެންކަމުން އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ފުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ދެން ބަލައިގަންނާނީ ފެން ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ ކަސްޓަމަރ ސަރވިސް ކައުންޓަރުތަކުން ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ.
އެ ކުންފުނިން ވިދާޅުވީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން ހަވީރު 16:00 އަށް އަދި ހޮނިހިރު ދުވަސްތަކުގައި ހެނދުނު 09:00 އިން މެނދުރު 13:00 އަށް އެ ކައުންޓަރުތަކުން ލިޔެކިޔުންތައް ބަލައިގަންނާނެ ކަމަށެވެ.
ކުރިއެކޭވެސް އެއްގޮތަށް އެނޫން ގަޑިތަކުގައި ކަސްޓަމަރ ސަރވިސް ސެންޓަރުން ބަލައިގަންނާނީ އިމަޖަންސީ ކޭސްތަކުގެ ލިޔެކިޔުންތައް ކަމަށް ވެސް އާސަންދަ ކުންފުނިން ވިދާޅުވި އެވެ.
އެ ކުންފުނިން ވިދާޅުވީ ލިޔެކިޔުންތައް ހުށަހެޅުމަށް ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!