އެއް ޖިންސުން ގުޅުން ހިންގި ފިރިހެނަކަށް، އަފްގާނިސްތާނު ސަރުކާރުން މަރުގެ އަދަބު ދީފި އެވެ.
އެއްޖިންސުން ގުޅުން ހިންގާ އެކަން ޕްރޮމޯޓްކޮށް ހިއްވަރުދީގެން، ހައްޔަރުކޮށް މަރާލާފައިވަނީ އުމުރުން 22 އަހަރުގެ ހާމިދު ސަބޯރީ ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޓްރެފިކް ޗެކްޕޮއިންޓަކުން ނެވެ.
މިފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގާ މީހުން ހޯދަން ތޯލިބާނުންވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެއްޖިންސުން ގުޅުން ހިންގާ ފަރާތްތައް ހޯދަން ސައްކު ކުރެވޭ ގޭގެއާއި ތަންތަން ބަލާ ފާސްކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ތޯލިބާން ސަރުކާރުން ދަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުން ހޯދަން ސޯޝަލް މީޑިއާ އެކައުންޓަށް މޮނިޓާކޮށް އެމީހުންގެ ހަރަކާތްތަކަށް ފާރަލަމުންނެވެ.
ގާޑިޔަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ތޯލިބާން ސަރުކާރުން ހާމިދު މަރާލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ބައިނަލް އަގުވާމީ މިޑިޔާތަކުގައި މިކަން ރިޕޯޓްކުރަން ފަށާފައިވަނީ މިދިޔަ ހަފްތާއިން ފެށިގެންނެވެ.
އެރިޕޯޓްތައް ބުނާގޮތުން އޭނާ މަރާލާ މަންޒަރު ވީޑިއޯކޮށް އާއިލާއަށް އަދި އެގައުމުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ގުރޫޕްތަކަށް ފޮނުވާފައި ވެއެވެ. އެ ވީޑިއޯ އާއިލާއަށް ފޮނުވީ މަރާލިތާ ދެތިން ދުވަސް ފަހުން ނެވެ.
އޭނާ މަރާލާފައިވާތީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ އެލްޖީބީޓީގެ ޖަމާއަތްތަކުން ވަނީ އެކަން ކުއްވެރިކޮށް ތޯލިބާނުންނަށް ފާޑުކިޔާފަ އެވެ. އަދި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ކުރިއަށްވުރެ މާބޮޑަށް އެ ގައުމުގައި ބިރުވެރިކަން ބޮޑުވެފައިވާ ކަމަށް ބުނެފައި އެވެ. އެހެންވެ އޭގެ ތެރެއިން ބައެއް މީހުން ވަނީ މަރާލާފާނެ ކަމުގެ ބިރަށް ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ގޮސްފަ އެވެ. އެފަރާތްތަކަށް ހުޅަނގުގެ ބައެއް ގައުމުތަކުން ހިމާޔަތްދީފައިވެސް ވެއެވެ.
އެމީހުން މީޑީއާގައި ބުނީ އަފްގާންގެ ކުރީގެ ރައީސް އަޝްރަފް ގަނީގެ ސަރުކާރުގައި 2018 ވަނަ އަހަރު އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ފަހިވާނެ ގޮތަށް ގާނޫނަށް ބަދަލު ނުގެންނާނެކަން ސާފުކޮށް ކަނޑައަޅާފައި ކަމަށެވެ. އެކަމަކު މިހާރު އޮތްވަރުގެ ބިރުވެރިކަމެއް އެފަދަ މީހުންނަށް އޭރު ނެތް ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ނުބައި ޢަމަލެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެކެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ.
އިސްލާމީ ޝަރީއަތުގެ ދަށުން ބަލާއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ނުވަތަ ރަޖަމު ކުރުމެވެ. އެހެނީ، ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެ އެވެ.
"ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ އަމަލެއް ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެ ނަމަ، މަތީގައި އޮތް މީހާ އާއި ދަށުގައި އޮތް މީހާ ގަތުލުކުރާ ހުށިކަމެވެ."
މި ހަދީސް ބަސްފުޅުގައި، ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ނިސްބަތް ކުރައްވާފައި އެވަނީ އެ ގައުމުގެ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން މާތްﷲ ގެ ކޯފާއާ ކުރިމަތިވި ބަޔަކަށް ވާތީ އެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ކަން ހަދީސް ބަސްފުޅުން ސާބިތުވެ އެވެ.
ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ކަމެކެވެ. އެހެނީ ޒިނޭ އަކީ "އެކަމުގައި ކުރެވޭ ކަންތައް" ޢަގްދުކޮށްގެން ހުއްދަގޮތުގައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ލިވާޠު ހުއްދަ ކުރެވޭނެ ހަމައެއްވެސް ގޮތެއް ނޯވެއެވެ. އަދި އިންސާނުންގެ ބުއްދިންވެސް ބަލައިގަނެވޭނެ ކަމަކަށް އެކަން ނުވެއެވެ.
ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ.
( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾ ) މާނައަކީ:
“ އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.“
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!