ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އެ ޕާޓީތަކުގެ ދަފުތަރުގައި ޖެއްސުމަށް ހުށަހަޅާ ފަރާތްތައް ދަފުތަރު ކުރުމުގެ ކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ސައްހަ ފޯމުކަމުގައި ކަށަވަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފޯމުގައިވާ މަޢުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް ޝަކުވާއަށް އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މޯބައިލް ނަންބަރަށް މެސެޖެއް ވެސް ފޮނުވިފައިވާ ކަމަށް އީސީން ވިދާޅުވި އެވެ.
އީސީން ވިދާޅުވީ މި އޮކްޓޯބަރ މަހުގެ 16 ވީ އާދީއްތަ ދުވަހު އާންމު ކުރެވިފައިވާ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 23 އޮކްޓޯބަރ ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރިން އެ ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، info@elections.gov.mv އަށް އީމެއިލް ވެސް ކުރެއްވޭނެ ކަމަށް އީސީން ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!