މަޖިލިސް ދައުރު ނިމެންދެންވެސް ހުންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައިކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ބައިވެރިވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަޢުވަތަކަށް ކަމަށެވެ، އަދި މަޖިލިސް އަށް ހޮވުނީ އަމިއްލަ ގޮތުން ކަމަށާއި ދައުރު ނިމެންދެންވެސް މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ނޮޅިވަރަންފަރާއި ނޮޅިވަރަމްގެ ރައްޔިތުންނަށް ދެއްވާކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ ޖަލްސާތަކުގެ ތެރެއިން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ނަޝީދު ޖަލްސާގައި ބައިވެރިވެ ލެއްވުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަރުޚަބާ ދަންނަވާފައެވެ. އަދި ނަޝީދު މަޖިލިސްގައި ކުރައްވާ މަސައްކަތަށް ގާސިމް ސިފަކުރެއްވީ "ހަބޭސް" މަސައްކަތެއްގެ ގޮތުގައެވެ. ނަޝީދަކީ މަޖިލިސް ތަޅުމުގައި ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑު ވިދާޅުވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!