ޔޫކްރެއިން ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މޭޒަށް ދިއުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ގޮވާލައްވައިފި އެވެ.

އޭނާ ބައިވެރިވެވަޑައިގެންނެވި ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ޔޫކްރެއިންގެ ސަރަހައްދުތަކަށް އޮތް ހައްގުތަކަށް ޕުޓިން އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާ އާއި ޔޫކްރެއިން މަޝްވަރާކޮށް 1991 ވަނަ އަހަރު ބޯޑަރުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ ޔޫކްރެއިންގެ ބައިތައް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ.

Ad
rt

އެގޮތުން އޭގެ ފަހުގެ ތާރީހު ތަކުގައި ރަޝިއާއިން ހަނގުރާމަކޮށް އަމިއްލަ ކޮށްފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ކަމަށްވާ ކްރިމިއާ އާއި އިތުރު ހަތަރު ރީޖަންއެއް ޔޫކްރެއިނަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. މެކްރޯން ވިދާޅުވީ ހަނގުރާމަ ގޯހުން ގޯހަށް ގޮސް އެހެން ފޭސްއަކަށް ގެންގޮސް މިހާރު ރަޝިއާއިން ދެމުންދާ ބޮމުގެ ހަމަލާތައް އަމާޒު ކުރަމުން ދަނީ އާންމުންނާއި ޔޫކްރެއިންގެ ހަކަތައާއި އުފެއްދުންތެރިކަމުގެ އިންފްރާސްޓްރަކްޗާއަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިން ރަޝިއާ ހަނގުރާމައި ސަރަހައްދީ ހަމަޖެހުމަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން މި ހަނގުރާމަ އާއި ފްރާންސަށް ދުރުގައި ތިބެވެން ނެތް ކަމަށާއި ހަނގުރާމައިގަ އެހެން ގައުމުތަކުން ބައިވެރިވާން މަޖުބޫރު ކުރުވީވެސް ރަޝިއާ ކަމަށެވެ.

ކުރިއެކޭ އެއްގޮތަށް ފްރާންސުން ޔޫކްރެއިނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ދިނެވެ. ރައީސް މެކްރޯން ވިދާޅުވީ ރާޑަރުތަކާއި ސިސްޓަމް އަދި ވައިގެ މަގުން ދޭ ހަމަލާތައް ދިފާއު ކުރުމަށް ބޭނުންވާނެ އަސްކަރީ އާލާތްތަކާއި ބަޑި ފޯރުކޮށްދިނުމުގައި ދެމި ތިބޭނެ ކަމަށެވެ. އަދި އޭނާ ވަނީ ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ޔޫކްރެއިނަށް އަސްކަރީ ގޮތުން ފޯރުކޮށްދެމުންދާ އެހިތެރިކަން ދެމުން ދިޔުމަށް އިލްތިމާސް ކޮށްފައި އެވެ.

މީގެ އިތުރުން މެކްރޯން ވަނީ ރަޝިއާގެ އެންމެ ގާތް އެއް ބައިވެރިޔާ ކަމަށްވާ ބެލަރުސްގެ ރައީސް އެލެކްޒެންޑާ ލުކެޝެންކޯއަށް ހަނގުރާމައިގެ ތެރެއަށް ނުވަދުމަށް އިންޒާރު ދީފައި އެވެ. އޭނާ ވިދާޅުވީ ސަރަހައްދީ ގައުމުތަކުން އެކަމުގައި ބައިވެރި އެހީތެރިކަން ފޯރުކޮށްދޭނަމަ ނިއުކްލިއާ ހަތިޔާރާއި ކެމިކަލް ހަތިޔާރު ރަޝިއާއިން ބޭނުން ކުރުން މަޑު ނުޖެއްސޭނެ ކަމަށެވެ.

ބެލަރުސްއިން ވަނީ ޔޫކްރެއިނާއި ގުޅޭ ބޯޑަރު ސަރަހައްދަށް ސިފައިން ޖަމާކޮށް ރަޝިއާއަށް އެހީތެރިވުމުގެ ގޮތުން ތައްޔާރީ ހާލަތަށް ގެނައުމަށް ނިންމާފައި އެވެ.

މެކްރޯން ވިދާޅުވީ ފެބްރުއަރީ ގައި ހަނގުރާމަ ފެށުނު ފަހުން ރަޝިއާ އާއި ދެކޮޅަށް ވާހަކަ ދައްކައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފްރާންސުން ބޭނުން ވެއްޖެ ހިނދެއްގައި ރަޝިއާ އާއި އެކު މަޝްވަރާ ފަށާނެ ކަމަށެވެ. އެ ގައުމުން ބޭނުންވަނީ ސަރަހަްދީ ހަމަޖެހުން ކަމަށް ވިދާޅުވި އެވެ.