ޔޫރަޕްގެ ގައުމެއް ކަމަށްވާ ގްރީސްގައި ފުރަތަމަ ފަހަރަށް މުޅި ގައުމަށް އިޔާދަ ކުރުވަނިވި ހަކަތައިން ކަރަންޓު ދީފި އެވެ.
އެގައުމުގެ އިންޑިޕެންޑެންޓް ޕަވާ ޓްރާންސްމިޝަން އޮޕަރޭޓާ (އައިޕީޓީއޯ) އިން ބުނީ މުޅި ގައުމަށް އިޔާދަ ކުރުވަނިވި ހަކަތައިން ކަރަންޓު ދިނީ މިމަހުގެ ހަތް ވަނަ ދުވަހު ފަސް ގަޑިއިރަށް ކަމަށެވެ. އެވަގުތުގައި މުޅިގައުމަށް ބޭނުންވާ ވަރަށް މެދުކެނޑުމެއް ނެތި 100 ޕަސެންޓު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށް ބުނެފައިވެ އެވެ.
އެގައުމުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ 46 ޕަސެންޓު ސަރަހައްދަށް މިހާރުވެސް ކަރަންޓު ދެނީ އިޔާދަ ކުރުވަނިވި ހަކަތައިން ނެވެ.
ތިމާވެށި ހިމާޔަތްކޮށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ދި ގްރީން ޓޭންކުން ބުނީ މި ނަތީޖާއަކީ އިޔާދަ ކުރުވަނިވި ހަކަތައަށް އޮތް އުންމީދެއް ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުންދޭ ފޮސިލް ފިއުލްގެ ބަދަލުގައި އިޔާދަ ކުރުވަނިވި ހަކަތަ އެކަށީގެންވާ ވަރަށް އުފެއްދިފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އިޔާދަ ކުރުވަނިވި ހަކަތައަކީ ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދެވޭ މަޝްރޫއެއް ކަން ގްރީސްއިން ސާބިތު ކޮށްދީފި ކަމަށްވެސް ބުނެފައިވެ އެވެ.
މި ނަތީޖާއަށް ބަލައި ކުރިޔަށް އޮތްތަނުގައި އެ ގައުމުގައި ކަނޑާއި އެއްގަމު މަގުން އަޅާފައިވާ ކަނެކްޝަންތައް މެދުވެރިކޮށް އިޔާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ގައުމު އިތުރަށް ފެހި ކުރެވޭނެ ކަމަށް އައިޕީޓީއޯ އިންވެސް ބުނެފައިވެ އެވެ. މިކާމިޔާބުގައި ކުރިޔަށް އޮތީ އަހަރެއްހާ ދުވަހަށް އިޔާދަ ކުރުވަނިވި ހަކަތައިން ގައުމަށް ކަރަންޓު ދެވޭނެ ކަމުގެ ޔަގީންކަން ހޯދުން ކަމަށް ބުންޏެވެ.
މިފަހުން ގްރީސްއިން ވަނީ އިޔާދަ ކުރުވަނިވި ހަކަތަ މުއްސަނދި ކުރުމަށް ގިނަ ވަސީލަތްތަކެއް ގާއިމްކޮށް، ތިމާވެއްޓަށް ގެއްލުންދޭ ފޮސިލް ފިއުލާއި ވީހާވެސް ދުރުވެވޭތޯ މަސައްކަތް ކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު އެ ގައުމުގެ ރަށެއް ކަމަށްވާ ޓިލޮސް ވަނީ 100 ޕަސެންޓު އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާ އަކީ ޔޫރަޕްގެ ގައުމުތައް ކަމަށްވާ ނެދަލޭންޑްސް، ޖަރުމަނުވިލާތް، ފްރާންސް އަދި އިނގިރޭސިވިލާތްތަ ފަދަ ގައުމުތަކުން އިޔާދަ ކުރުވަނިވި ހަކަތައަށް ކުރަމުންދާ މަސައްކަތަށްވުރެ ބޮޑު ކުރިއެރުމެކެވެ. ގްރީސްގެ އަމާޒަކީ ކުރިޔަށް އޮތް އަށް އަހަރު ތެރޭގައި ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުން ހުއްޓާލުމެވެ.
އަދި 2030 ވަނަ އަހަރު އަންނަން ވާއިރަށް އެ ގައުމުގައި 70 ޕަސެންޓަށް އިޔާދަ ކުރުވަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމެވެ. މި މަސައްކަތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އަމިއްލަ ފަރާތްތަކުން 30 ބިލިއަން ޔޫރޯގެ ފަންޑެން ވަނީ ހަމަޖެހިފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!