ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލް އަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) އައްޔަން ކުރައްވައިފި އެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޫމޭނިއާގެ އެމްބަސީން ނެރުނު ބަޔާނަކާއި ހަވާލާދީ އެކަން ހާމަކޮށްފައިވަނީ ރާއްޖޭގެ "ސަން އޮންލައިން" ގަ އެވެ.

Ad
rt

އޮނަރަރީ ކޮންސުލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިވެހި ދައުލަތުގެ އިދާރާތުގެ ފުރިހަމަ އެއްބާރުލެއްވުން އަޙްމަދު ސިޔާމް މުޙައްމަދަށް ދެއްވުމަށް ވެސް ސްރީލަންކާގައި ހުންނަ ރޫމޭނިއާގެ އެމްބަސީން އެދިވަޑައިގެންފައިވާ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

ރާއްޖެއާއި ރޫމޭނިއާގެ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށާއި ރޫމޭނިއާގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންތައްތަކާ ގުޅުން ހުރި އިރުޝާދު ސިޔާމަށް ދެއްވާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވާގޮތަށް އެ ނޫހުގައި ވަނީ ބުނެފަ އެވެ.

ރޫމޭނިއާ އާއި ރާއްޖެއާ ދެމެދު 1979 ވަނަ އަހަރު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ އިރު، ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ކަމަށް ދާދި ފަހަކާ ޖެހެންދެން ހުންނެވީ މުހައްމަދު މާހިރު ދީދީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދަކީ އަހްމަދު ސިޔާމް މުހައްމަދަކީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް ވެސް މެއެވެ.