ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީގެ ކުޑަކަޅުވާ މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާއި ދެކޮޅަށް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

މެސީއަށް އަނިޔާވެފައި ވަނީ ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވިއިރު، އެ މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ލަނޑު ޖަހާފައި ވަނީ މެސީއެވެ. ނަމަވެސް ދެވަނަ ހާފުގައި މެސީގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން 81 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ.

Ad
rt

އަނިޔާގެ ސަބަބުން މި ހަފްތާ ބަނދުގައި ޕީއެސްޖީން ލީގުގައި ކުޅުނު މެޗުގައި ވެސް މެސީ ކުޅެފައި ނުވެއެވެ. ރެއިމްސްއާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މިއީ މި ސީޒަންގެ ލީގުގައި ޕީއެސްޖީއަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ދެވަނަ ލެގުގައި މިރޭ ބެންފީކާއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނެފައި ވަނީ އަނިޔާގެ ސަބަބުން މެސީ ރެސްޓު ކުރުމަށް މެޑިކަލް ޓީމުން އިރުޝާދު ދީފައިވާތީ މިރޭ މެޗުގައި މެސީ ނުކުޅޭނެ ކަމަށެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މި އަންނަ ހަފްތާ ބަންދުގައި ލީގުގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ ކަމަށް އުންމީދުކުރާ ކަމުގައި ވެސް ގަލްޓިއޭ ބުނެފައިވެއެވެ.

ގަލްޓިއޭ އިތުރަށް ބުނެފައި ވަނީ މެސީއަކީ ޕީއެސްޖީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، ނަމަވެސް އޭނާ މެޗުތަކުގައި ބޭނުންކުރާއިރު ހާލަތަށް ވެސް ބަލަންޖެހޭ ކަމަށެވެ. އަދި މެސީ ނެތް ވަގުތުތަކުގައި އެތަން ފޫބައްދާނެ ގޮތްތަކެއް ވެސް ބަލަން ޖހޭކަމަށެވެ.

ގްރޫޕް އެޗްގެ އެއްވަނާގައި މިވަގުތު ޕީއެސްޖީ އޮތީ ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއި އެކުގައެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނާގައި ބެންފީކާ އޮތްއިރު ތިންވަނާގައޮ އޮތީ ޔުވެންޓަސްއެވެ.

މިރޭ ޗެމްޕިއަންސް ލީގުގައު ގިން މެޗުތަކެއް ކުޅޭނެއެވެ. ފާހަގަ ކޮށްލެވޭ މެޗުތަކަށް ބަލައިލާއިރު، މިރޭ ރާއްޖެ ގަޑިން 2145 ގައި ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ކޯޕަންހޭގަންއާއި ދެކޮޅަށެވެ. މިރޭ ރާއްޖެ ގަޑިން 0000 ގައި މިލާނާއި ޗެލްސީ ވާދަކުރާއިރު، ޗެމްޕިއަން ރެއާލް މެޑްރިޑް ނުކުންނާނީ ޝަކްތަ ޑޮނެސްކާއި ދެކޮޅަށެވެ.