އެމްޑީޕީ އަށް ނޮޅިވަރަމް ދާއިރާ ނުލިބުނަސް، އެދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއްކަމުގައި ވިދާޅުވ،ެ ނޮޅިވަރަމް ދާޢިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ނުރުހުން ފާޅުކުރައްވައިފި އެވެ.

މޮސްޓާ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހއ. ހދ. އަދި ށ. އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުންނެވެ.

Ad
rt

މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހއ، ހދ، ށ އަތޮޅު ޖަހައިގެން އޮޅުވާނުލެއްވުމަށެވެ.

"ނޮޅިވަރަމް ދާއިރާއަކީވެސް އެމްޑީޕީ އަށް ނުލިބުނަސް ހދ އަތޮޅުގެ ދާއިރާއެއް، ތީ އެމްޑީޕީ ބޮޑު ކަން ދައްކަން އެމްޑީޕީ މީހުންނަށް ކުރަހަދޭ ފޮޓޯ... ބާކީކޮށް ކަމެއް ނުކޮށްދޭނޭ ޑިމޮކްރަސީ މި ފެންނަނީ ދާއިރާ ނުލިބުނީމަ ކަމެއް ނުކޮށްދޭނޭ އެމްޑީޕީ އަކުން..."

އެޓުވީޓަށް ރައްދު ދެއްވަމުން މޮސްޓާ ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މޮސްޓާ ވިދާޅުވީ، މި ބައްދަލުވުމުގެ ދަޢުވަތު ލިބިފައިވާ ނުވާކަމަށެވެ. މޮސްޓާ ފިޔަވާ އުތުރުގެ 3 އަތޮޅުގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. އޭގެ ތެރެއިން ގިނަ މެންބަރުންހެން މިބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް ސަރުކާރުގެ މުވައްސަސާތަކުން ތިލަދުންމަތީގެ މެންބަރުންނާއި ބައްދަލުކުރައްވާއިރު މޮސްޓާއަށް ދަޢުވަތު ނުދެއްވާ ބާކީކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އުތުރުގެ މެންބަރުން ނާއި ބައްދަލުކުރައްވާނަމަ މޮސްޓާއަށް ދަޢުވަތު ދެއްވަން ޖެހޭނެކަމުގައި ވިދާޅުވީ އެވެ. އިދާރާތަކުން ފޮޓޯ ޖަހާ ޓުވީޓު ކުރައްވާއިރު "ތިލަދުންމަތީގެ މެންބަރުން" ގެ ބަދަލުގައި "ތިލަދުންމަތީގެ އެމްޑީޕީ މެންބަރުން" ކަމުގައި ބުނުމުން މާ ރަނގަޅުވާނެކަމަށް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ ދާއިރާތަކުގައި ޒުވާނުންނާއި ކުޅިވަރާއި ގުޅުންހުރި ކަންބޮޑުވުންތަކާއި އެދާއިރާގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.

މިބައްދަލުވުންތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެފައިވަނީ މިނިސްޓަރ އަޙްމަދު މަޚްލޫފް އާއި އެ މިނިސްޓްރީގެ އިސްވެރިންނެވެ.

އުތުރުގެ ތިން އަތޮޅުގެ އިތުރުން ނ. ތ. ބ އަދި ޅ އަތޮޅު މަޖިލިސް މެންބަރުންނާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. މިބައްދަލު ވުމުގައި ބައެއް ދާއިރާތަކުގެ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެފައިވާކަން އެމިނިސްޓްރީން އާންމު ކޮށްފައިވާ ފޮޓޯ ތަކުން ފެނެއެވެ.

ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ޒުވާނުންނާއި ގުޅުންހުރި ކަންކަމުގައި މަޝްވަރާކޮށް މަޢުލޫމާތު ދިނުމަށް ދޭތެރެއަކުން ކައުންސިލްތަކާއި ދާއިރާގެ މެންބަރުންނާއި އެކު ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.