ސަރުކާރުން ހިންގަމުން އަންނަ ޕީއެސްއައިޕީ މަޝްރޫޢުތަކަށް މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 4.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދެވެ.
މިޢްވާން ވިދާޅުވީ، މިއަހަރުގެ އޯގަސްޓް މަސް ނިމުނު އިރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.
މި ބައްދަލުވުމުގައި މިޢްވާން ވަނީ އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ. މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ޙިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް މިޢްވާން ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.
ސަރުކާރަށް ހަތަރު އަހަރު ފުރިހަމަވުމާ ގާތްވެފައިވާއިރު، މިހާރު ވެސް ގިނަ ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކެއް ނިންމާފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގެ 118 ރަށެއްގައި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ކުރިއަށް ދާ ކަމަށެވެ. އަދި ސިއްހީ ދާއިރާއިން ވެސް 28 ޕްރޮޖެކްޓެއް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް 477 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ވަނީ ހިންގާފައިވާ ކަމަށާއި، ބިން ހިއްކުމާއި، މަގު ހެދުމުގެ 718.2 މިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ވެސް މިޢްވާން ވިދާޅުވިއެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުން ޚާއްޞަކޮށްފައި ވަނީ، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!